ގަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކޮށް، މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް އިމިގްރޭޝަނުން ހިންގާ ޓާސްކްފޯސް އޮޕަރޭޝަންގެ ދަށުން، އިތުރު ހަތަރު މަސާޖު ޕާލަރެއް ބަލައިފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅުނު ފަސް ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
އިމިގްރޭޝަނުން ބުނީ ރޭ މާލޭގައި ހިންގަމުންދިޔަ މި ހަތަރު މަސާޖު ޕާލަރު ބަލައި ފާސްކޮށްފައިވާ ކަމަށާއި، ހުއްދައިގެ ބޭރުން، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގެ ދަށުން އިއްޔެވެސް ވަނީ މަސާޖު ޕާލާތަކުން ބަޔަކު ހައްޔަރުކޮށްފަ އެވެ. އިއްޔެ އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ބަލައިފާސްކުރުމަށް ހިންގި އޮޕަރޭޝަންގައި މާލޭގައި ހިންގަމުންދިޔަ ހަތަރު މަސާޖު ޕާލަރެއް ބަލައިފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅުނު ތިން ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.
މި ހަތަރު ތަނުގައި ހިންގަމުންދިއަ ވިޔަފާރި ވަގުތުން ހުއްޓުވުމުގެ ފިޔަވަޅުތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއިން ވަނީ އަޅާފަ އެވެ.

މީގެ ކުރިން މިމަހުގެ 10 ވަނަ ދުވަހުވެސް ވަނީ މިފަދަ އޮޕަރޭޝަނެއް ހިންގައި ބައެއް މަސާޖުޕާލާތައް ބަލައި ފާސްކޮށް، ބަޔަކު ހައްޔަރުކޮށްފަ އެވެ. އެދުވަހުވެސް މާލޭގައި ހިންގަމުންދިޔަ ހަތަރު މަސާޖު ޕާލަރެއް ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅުނު ހަތަރު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވެ އެވެ. އަދި އެ ހަތަރު ތަނުގައި ހިންގަމުންދިޔަ ވިޔަފާރި ނޯޓިސްއާއެކު ހުއްޓުވުމުގެ ފިޔަވަޅުތައް އިކޮނޮމިކް މިނިސްޓްރީން ވަނީ އަޅާފަ އެވެ.
-
ޖުމްލަ ހައްޔަރުކުރި ބިދޭސީންގެ އަދަދު: 12
-
ރޭ އޮޕަރޭޝަނުން: 5
-
އިއްޔެ ރޭގެ އޮޕަރޭޝަނުން: 3
-
މިމަހުގެ 10 ވަނަ ދުވަހުގެ އޮޕަރޭޝަނުން: 4
-
-
ޖުމްލަ ބަލައިފާސްކުރި ތަންތަނުގެ އަދަދު: 12
-
ބަލައިފާސްކުރީ 3 ފަހަރެއްގެ މަތިން، ކޮންމެ ފަހަރަކު 4 ތަން.
-

މާލޭގައި މަސާޖުޕާލާތަކުގެ ނަމުގައި ހިންގާ ގިނަ ތަންތަނުގައި ހަށިވިއްކާ ކަމުގެ ތުހުމަތު އޮންނައިރު، ބިދޭސީން ސޯޝަލް މީޑިއާގައި ފާޅުގައި އެފަދަ ކަންކަން އިޝްތިހާރު ވެސް ކުރެ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ ތިން އަވަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވި އިރުވެސް، މަސާޖުޕާލާތަކުގެ ނަމުގައި ހަށިވިއްކާ ތަންތަން ހިންގާ ކަމުގެ ޝަކުވާ އާންމުންގެ ފަރާތުން ވަރަށް ބޮޑަށް އައިސްފައިވެ އެވެ. މިކަމާ ގުޅިގެން ސަރުކާރުން މިހާރު ވަނީ މިފަދަ ގަވާއިދާ ޚިލާފު ވިޔަފާރިތައް ހުއްޓުވުމަށް ހަރުދަނާ އޮޕަރޭޝަންތަކެއް ފަށާފަ އެވެ.



