މަސްތުވާތަކެތި ޓްރެފިކްކުރާ މީހުންނަށް މަރުގެ އަދަބު ދިނުމުގެ އިސްލާހު، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.
މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް ގެނެސްފައިވާ އިސްލާހަކީ ޑިސެންބަރު 3 ވީ ބުދަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފައިވާ އިސްލާހެކެވެ.
މި އިސްލާހު ހުށައެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގައި މަސްތުވާތަކެތި ޓްރެފިކްކުރުމާއި މަސްތުވާތަކެތީގެ އެނޫންވެސް ވިޔަފާރިކުރުން ހުއްޓުވައި، ދިވެހިރާއްޖޭގައި މަސްތުވާތަކެތި ގެންގުޅޭ އަދި ބޭނުންކުރާ މިންވަރު މަދުކޮށް، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ދިނުމަށް އިސްކަންދީ، ހެޔޮގޮތުގައި މުޖުތަމައަށް އަނބުރާ ރުޖޫއަވެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށް ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ.
މި އިސްލާހަށް އަމަލުކުރަން ފަށާނީ، މިއަދުން ފެށިގެން ތިން މަސް ހަމަވާ ދުވަހުން ފެށިގެންނެވެ.
މަރުގެ އަދަބު ކަނޑައެޅުމަށް ފުރިހަމަވާންޖެހޭ ޝަރުތުތައް:
- 350 ގްރާމަށްވުރެ އިތުރު އަދަދެއްގެ ކެނެބިސް އެތެރެކުރުން
- 250 ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިމޯފިން އެތެރެކުރުން
- ކެނެބިސް އަދި ޑައިމޯފިން ފިޔަވާ އެހެން މަސްތުވާއެއްޗެއްނަމަ 100 ގްރާމަށްވުރެ އިތުރު އަދަދެއް އެތެރެކުރުން
- ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެއްޗަކީ، އެމީހަކު ރާއްޖެއަށް އެތެރެވާއިރު، އެތެރެކުރި އެއްޗަކަށްވުން
ދަށު ކޯޓުން މަރުގެ ހުކުމް ކަނޑައަޅައިފިނަމަ އަމަލުކުރާނެގޮތް:
- ދަށު ކޯޓުގެ ހުކުމްގެ ހުރިހާ ޤާނުނީ ނުކުތާތަކާއި މައްސަލާގައި ކަން ހިނގާފައިވާގޮތް މަތީ މަރުހަލާގެ ކޯޓުތަކުން އަލުން ބެލުން
- މަރުގެ އަދަބު ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން އެގޮތުގެމަތިން ހުކުމް ކުރުމުން
- ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުން، މަރުގެ އަދަބު ކަނޑައެޅުމަށް އިއްތިފާގުނުވާ ހާލަތުގައި، އުމުރަށް ޖަލަށްލުމާއެކު އެއްލައްކަ ރުފިޔާއިން ފެށިގެން ދިހަ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ.
މި ބިލުގައި އުމުރަށް ޖަލަށްލުމުގެ އަދަބު ނުވަތަ މަރުގެ އަދަބު ކަނޑައަޅައިފައިވާ ކުށްތަކަކީ، އެއްވެސް ގޮތަކަށް އަދަބު މައާފުކޮށްދެވިގެން ނުވާނެ ނުވަތަ ލުއިކޮށްދެވިގެން ނުވާނެ ކުށްކުށުގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ
މި އިސްލާހުގައި ވަނީ، މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރަން އުޅުން ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރަން އުޅުން ނުވަތަ ދިވެހިރާއްޖެއަށް އެތެރެކުރުމަށް ނުވަތަ ބޭރުކުރުމަށް އެހީތެރިވެދިނުން ނުވަތަ ދިވެހިރާއްޖެއަށް އެތެރެކުރުމުގައި ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމުގެ އަދަބު ބޮޑުކޮށް، 20 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު -/75,000 ރުފިޔާއިން ފެށިގެން -/7,500,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމަށް ކަނޑައަޅާފަ އެވެ.
މީގެއިތުރުން މި އިސްލާހުގައި ކަނޑައަޅާފައިވާ އިތުރު ކުށްތަކުގެ ތެރޭގައި، މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމާއި، އެފަދަ ތަނެއްގައި މަސްތުވާތަކެތި ބޭނުންކުރާކަން އެނގޭ ހާލު، ނުވަތަ އެގޮތަށް ޤަބޫލުކުރާނެ ފުރުސަތު އޮވެ، އެ ތަނެއްގެ ވެރިފަރާތުން، ނުވަތަ އެ ތަނެއް ކުއްޔަށްހިފައިގެންއުޅޭ ފަރާތުން، ނުވަތަ އެ ތަނެއްގައި އެވަގުތަކު އުޅޭ ފަރާތުން، ނުވަތަ އެ ތަނެއް ބަލަހައްޓަމުންދާ ފަރާތުން، ނުވަތަ އެ ތަނަކާ ހަވާލުވެހުރި ފަރާތުން އެކަން ހިނގިޔަދިނުމަކީ ނުވަތަ ހުއްދަކުރުމަކީ ނުވަތަ އެކަމަށް މަގުފަހިކޮށްދިނުމާއި، މަސްތުވާތަކެތީގެ ވިޔަފާރިއަށް ފައިނޭންސްކުރުން ވެސް ހިމެނެ އެވެ. އަދި މަސްތުވާތަކެތި ޓްރެފިކްކުރަން ގެންގުޅޭ އުޅަނދު ހިފަހައްޓައި ދައުލަތަށް ނެގުމާއި، ”މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތްދޭ ތަންތަން“ ބަންދުކުރުމުގެ ބާރު ފުލުހުންނަށް ލިބިދީފައިވެ އެވެ.


