ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ވޭޕާއި ވޭޕް ކާޓްރިޖް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
ފުލުހުން މިއަދު ބުނެފައިވަނީ، ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ ވޭޕް އަދި ވޭޕް ކާޓްރިޖް ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑިސެންބަރު 5 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ގެއަކާއި ދެ އުޅަނދެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.
ފުލުހުން ހިންގި މި އޮޕަރޭޝަނުގައި ބަލައިފާސްކުރި ސައިކަލެއްގެ މަޑިދަށުން 89 ވޭޕް ކާޓްރިޖް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި ބަލައިފާސްކުރި ދެގޭގެ ތެރެއިން އެއް ގެއެއްގެ އެޕާޓްމަންޓަކުން ޖުމްލަ 59 ވޭޕް އަދި ވޭޕް ކާޓްރިޖް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
މިމައްސަލައާ ގުޅިގެން މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށާއި އަދި މައްސަލާގައި އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މީގެއިތުރުން މިމައްސަލައާ ގުޅިގެން ވޭޕް ވިއްކަމުން ދިޔަ ފޭސްބުކް ޕޭޖެއް ފުލުހުންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދީފައިވެ އެވެ.
ފުލުހުން ބުނެފައިވަނީ އެ ހިދުމަތުން މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި، ވިއްކުމާއި، ހިލޭ ބެހުން މަނާކުރާ ގާނޫނަށް އަމަލުކުރަން ފެށީ މިދިޔަ އަހަރުގެ ޑިސެންބަރު 15 ވަނަ ދުވަހުން ފެށިގެންނެވެ.
މި ގާނޫނާ ޚިލާފުވެއްޖެ ނަމަ ބޮޑު ޖޫރިމަނާއެއް ދައްކަން ޖެހޭނެ އެވެ. އެގޮތުން ވޭޕާއި ވޭޕް ކުރަން ބޭނުން ކުރާ ތަކެތި ރާއްޖެއަށް އެތެރެ ކޮށްފިނަމަ، އެތެރެ ކުރި މީހަކު 50،000 ރުފިޔާއިން ޖޫރިމަނާކުރެވޭއިރު، އެތެރެ ކުރާ ކޮންމެ ވޭޕަކަށް އިތުރު 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެ އެވެ. މީގެއިތުރުން ރާއްޖޭގައި ވޭޕް ވިއްކާ ކޮންމެ މީހަކަށް 20،000 ރުފިޔާގެ ޖޫރިމަނާއެއް، އަދި ވިއްކި ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ޤާނޫނުގައިބުނެފައިވެ އެވެ. އަދި ހިލޭ މީހަކަށް ވޭޕެއް ދީފިނަމަ 10،000 ރުފިޔާގެ ޖޫރިމަނާއެއްގެ އިތުރުން ވޭޕް ބޭނުން ކުރާ މީހަކު 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތް ދުންފަތް ކޮންޓްރޯލްކުރުމާއި، ވޭޕް މަނާކުރުން


