ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުގެ މަގާމުގައި ހުންނެވި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު އެ ކޮމިޓީން ވަކިކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ކޮމިޓީތަކަށް އައިސްފައިވާ ބަދަލު އިއުލާނުކުރައްވާފަ އެވެ.
އެގޮތުން އިޖުތިމާއީ ކޮމިޓީގައި ޕީއެންސީގެ ފަރާތުން ހިމެނިވަޑައިގެންނެވި މެންބަރު އަސްމާ ރަޝީދުގެ ބަދަލުގައި އެ ކޮމިޓީއަށް ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ ހަމަޖައްސަވާފައިވާކަން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އިއުލާނު ކުރެއްވި އެވެ. ޕީއެންސީގެ ފަރާތުން މި ބަދަލުގެނައުމަށް ނިންމާފައިވަނީ އޮކްޓޫބަރު 28 ވަނަ ދުވަހު އެވެ.
މެންބަރު އަސްމާ ކޮމިޓީން ވަކިކޮށްފައިމިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މާފަންނު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބާއްވާ ބައްދަލުވުމުގެ ކުރިން ރައީސް އާ ކުރަން ބޭނުންވާ ސުވާލު ފޮނުވުމަށް މެންބަރު އަސްމާ އެދިވަޑައިގެން ދާއިރާގެ ރައްޔިތުންނަށް ފޮނުވި މެސެޖެއްގެ މައްސަލަ ފެންމަތިވެފައިވަނިކޮށެވެ.
މިކަމާ ގުޅިގެން އަސްމާ މީގެކުރިން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ، ރައީސް މުޢިއްޒު ޑިސެންބަރު 4 ވާ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ތާޖުއްދީން ސްކޫލްގައި މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ނިންމެވުމާއި ގުޅިގެން، ނޮވެންބަރު 26 ގައި ރައްޔިތުންނަށް ފޮނުއްވި މެސެޖުގެ މާނަ އޮޅޭ ގޮތަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ދައުރުކުރައްވަމުން ގެންދާ ކަމަށެވެ. މެންބަރު އަސްމާ ވިދާޅުވެފައިވާ ގޮތުގައި، އެ މެސެޖަކީ ޖަލްސާގައި އެއްވެސް ސަބަބަކާހުރެ ރައީސުލްޖުމްހޫރިއްޔާއާ ސީދާ ސުވާލު ދެންނެވުމުގެ ފުރުޞަތު ނުލިބޭ ފަރާތްތަކުގެ ޚިޔާލާއި ކަންބޮޑުވުންތައްވެސް ރައީސްއާ ހަމައަށް ޔަޤީނުންވެސް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ފޮނުއްވި މެސެޖެކެވެ. މިއީ ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ޙައްޤުގައި، އަމިއްލަ ޚައިސިއްޔަތުން ފޮނުއްވި މެސެޖެއް ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.
މެންބަރު އަސްމާ ވިދާޅުވީ، މާފަންނު މެދު ދާއިރާގެ ކޮންމެ ރައްޔިތަކަށްވެސް އެ ފަރާތެއްގެ ޚިޔާލާއި ކަންބޮޑުވުމެއް ފާޅުކުރެވޭނެ ފުރުޞަތު ލިބުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން، ރައްޔިތުންގެ މަޢުލޫމާތަށްޓަކައި މިކަން ސާފުކޮށްދެއްވަން ބޭނުންފުޅުވީ ކަމަށްވެސް ބަޔާނުގައިވެ އެވެ. އެ ނޫސް ބަޔާނުގެ ނިންމާލައްވަމުން މެންބަރު އަސްމާ ރަޝީދު ވަނީ، އެ މެސެޖާއި ގުޅިގެން އެއްވެސް ބޭފުޅަކަށް އޮޅުމެއް އަރާފައިވާނަމަ ނިހާޔަތަށް މާފަށް އެދިވަޑައިގެންފަ އެވެ.
ރައްޔިތުންގެ މަޖިލިސް އިޖުތިމާއީ ކޮމިޓީ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު
