މާލެ ސަރަހައްދުގައި ގާއިމްކޮށްފައިވާ އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓާ (ޔޫޕީއެޗްސީ) ގެ މާފަންނު ބްރާންޗުން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި އެވެ.
މި މަހުގެ 19 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މާލެ ސަރަހައްދުގައި ގާއިމްކޮށްފައިވާ އާބަން ޕްރައިމަރީ ހެކްތްކެއާ ސެންޓާ ރަސްމީކޮށް ހުޅުވައްދެއްވާފަ އެވެ.
އައިޖީއެމްއެޗްއިން ބުނީ، އާބަން ޕްރައިމަރީ ހެލްތްކެއާގެ އަމާޒަކީ ދުޅަހެޔޮ މުޖްތަމައެއް ބިނާކުރުމަށް ބޭނުންވާ އާންމު ސިއްހީ މައުލޫމާތު ފޯރުކޮށްދިނުމާއި ރައްޔިތުންގެ ސިއްހަތު ދުޅަހެޔޮ ހާލަތެއްގައި ބަހެއްޓުމަށް ބޭނުންވާ މެޑިކަލް ޗެކަޕްތައް ހެދުމާއި އާންމު ބަލިތަކަށް ބޭސްފަރުވާ ކުރުމުގެ ހިދުމަތްތައް ދިނުން ކަމަށެވެ.
އެ ހިދުމަތްތަކުގެ އިތުރުން އެހެނިހެން ތަފާތު ސިއްހީ ހިދުމަތްތައް އެ ސެންޓަރުގެ ތިން ކްލިނިކުން ފޯރުކޮށްދޭނެ ކަމަށް އައިޖީއެމްއެޗްއިން ބުނެފައިވެ އެވެ. އަދި އެ ސެންޓަރުން ހިދުމަތް ދޭން ފަށާނީ މި މަހުގެ 22 ވާ ހޮނިހިރު ދުވަހުން ފެށިގެން ކަމަށްވެސް އިޖީއެމްއެޗްއިން ބުނެފައިވެ އެވެ.
އެ ސެންޓަރުން ހިދުމަތްދޭނެ ގަޑިތަކަކީ:
- ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ރޭގަނޑު 10:00 އަށް
- ހުކުރު ދުވަހު މެންދުރުފަހު 3:30 އިން ރޭގަނޑު 10:00 އަށް
- ސަރުކާރު ބަންދު ދުވަސްތަކުގައި ސެންޓަރު ވެސް ބަންދު
އައިޖީއެމްއެޗް އިން ބުނީ، އެ ސެންޓަރުގެ ޖީޕީ ކްލިނިކުން އާއިލާ ބޭސްވެރިކަމުގެ ހާއްސަ ޑޮކްޓަރުގެ ހިދުމަތާއި އާންމު ބަލިތަކަށް ފަރުވާ ދިނުމުގެ ހިދުމަތާއި ޖީޕީގެ ޑޮކްޓަރުން ލަފާ ދެއްވާ ލޭގެ ޓެސްޓްތައް ހެދުމުގެ ހިދުމަތް ދޭނެ ކަމަށެވެ. ޑްރޮޕް ބޮކްސް މެދުވެރިކޮށް ބޭސް ސިޓީ އާކުރުމުގެ ހިދުމަތާއި ކުދި ޕްރޮސީޖާތައް ވެސް ހެދޭނެ އެވެ. އަދި އެކްސްރޭގެ ހިދުމަތާއި ބޭސްފިހަރާއިގެ ހިދުމަތް ވެސް އެތަނުން ދޭނެ ކަމަށް އައިޖީއެމްއެޗްއިން ބުނެފައިވެ އެވެ.
އެ ސެންޓަރުގެ ޗައިލްޑް ހެލްތް ކްލިނިކުން 5 އަހަރުން ދަށުގެ ކުދިންގެ ހެދިބޮޑުވާ މިންވަރު ދެނެގަތުމާއި، ތުއްތު ކުދިންނަށް ގާތުން ދިނުމާއި، ކެއިންބުއިމާއިބެހޭ ގޮތުން ބެލެނިވެރިންނަށް އިރުޝާދުދިނުން ފަދަ ކަންކަން ހިމެނެ އެވެ.
މީގެ އިތުރުން، ވެލްނަސް ކުލިނިކުން ދަތުރުވެރިންގެ ވެކްސިން ޖެހުމުގެ ހިދުމަތް ދިނުމާއި، ދުންފަތާއި ދުރުވާން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ފަދަކަންކަން ހިމެނެ އެވެ.
