ހުޅުމާލެ ޕޮލިސްގެ ވެރިއަކަށް އޭސީޕީ އަހުމަދު މުހައްމަދު ރަސްމީކޮށް ހަމަޖައްސަވައިފި

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލެ ޕޮލިސްގެ އިސްވެރިޔާގެ މަގާމުގައި ހުންނެވި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް (އޭސީޕީ) މުހައްމަދު ދާއޫދު އެ މަގާމުން ދުރުކޮށް، އޭސީޕީ އަހުމަދު މުހައްމަދު (ޓޫފޯ) ރަސްމީކޮށް ހުޅުމާލެ ޕޮލިސް ހިންގެވުމާ ހަވާލުވެވަޑައިގެންފި އެވެ.

އޭސީޕީ ދާއޫދު ހުޅުމާލެ ޕޮލިސްގެ އިސްވެރިޔާގެ މަގާމުން ދުރުކޮށްފައި މިވަނީ ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވިފައިވަނިކޮށެވެ.

ފުލުހުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއު (ބްލޫ ހައުސިން)ގެ އޮޑިޓް ރިޕޯޓުތައް ދިރާސާކުރުމަށް އެކުލަވާލި ޚާއްސަ ސަބް ކޮމިޓީގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ އޭސީޕީ ދާއޫދާއި ގުޅޭގޮތުން ތުހުމަތުތަކެއް ކުރައްވާފަ އެވެ. އެގޮތުން އޭސީޕީ ދާއޫދުގެ އެކައުންޓަށް 2023 އަދި 2024 ވަނަ އަހަރު ދެމެދު ގޮތް ނޭނގޭ ގިނަ އަދަދެއްގެ ފައިސާ ވަދެފައިވާ ކަމަށާއި، އެ ފައިސާއިން 14.6 މިލިއަން ރުފިޔާގެ އެސެޓް އުފައްދާފައިވާކަމަށް ނާޒިމް ތުހުމަތުކުރެއްވި އެވެ.

ދާއޫދުގެ އެކައުންޓަށް ވަދެފައިވާ ފައިސާގެ އަސްލު އެނގެން ނެތް ކަމަށާއި، އޭނާގެ ނަމުގައި އެއްވެސް ވިޔަފާރިއެއް ނުވަތަ ހިއްސާއެއް އޮތް ކުންފުންޏެއް ނެތް ކަމަށްވެސް ކޮމިޓީގައި އޭރު ނާޒިމް ފާހަގަކުރައްވާފައިވެ އެވެ.

މިކަން ފެންމަތިވެފައިވަނިކޮށް އޭސީޕީ ދާއޫދުގެ އަތުން ހުޅުމާލެ ޕޮލިސް ނެގުމަށްފަހު، ހުޅުމާލެ ޕޮލިސްގެ އިސްވެރިޔާގެ މަގާމަށް އައްޔަނުކޮށްފައިވަނީ އޭސީޕީ އަހުމަދު މުހައްމަދު އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދިޔަ ހޮނިހިރު ދުވަހުން ފެށިގެން ހެޑް އޮފް ހުޅުމާލޭ ޕޮލިސްގެ މަގާމުން ދާއޫދު ވަނީ ދުރުކޮށްފަ އެވެ. އަދި ހޮނިހިރު ދުވަހުން ފެށިގެން އެ މަގާމަށް އޭސީޕީ އަހުމަދު މުހައްމަދު (ޓޫފޯ) ވަނީ އައްޔަނު ކޮށްފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭސީޕީ ދާއޫދާއި ގުޅޭގޮތުން ތުހުމަތުކުރެވޭ މައްސަލަތަކެއް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން އަންނަނީ ބަލަމުންނެވެ.

މުހައްމަދު ދާއޫދު އޭސީޕީގެ މަގާމަށް ޕްރޮމޯޓް ކޮށްފައިވަނީ 2024 ސެޕްޓެމްބަރު 17 ވަނަ ދުވަހު އެވެ. ދާއޫދު ވަނީ މީގެ ކުރިން ފުލުހުންގެ ހެޑް އޮފް ރޯޑް ޕޮލިސްގެ މަގާމާއި، ޑިޓެކްޓިވް އިންވެސްޓިގޭޝަން އޮފިސަރުގެ މަގާމުގެ އިތުރުން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ)ގެ ޑެޕިއުޓީ ހެޑުގެ މަގާމުވެސް އަދާކުރައްވާފަ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ