ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ ޕީއޯއެސް ޓާމިނަލްތަކުން ފައިސާ ދެއްކޭ މިންވަރު 1،000 ޑޮލަރަށް މަތިކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިކަން ރަސްމީކޮށް ފެށިގެންދާނީ 11 ނޮވެމްބަރުގައި ފާހަގަކުރާ ބޭންކުގެ އަހަރީ ދުވަހާ ގުޅުވައިގެންކަމަށް ރައީސް ވިދާޅުވި އެވެ.
މ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގައި މިރޭ މ. މުލީގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ވަނީ ޑޮލަރުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ގެންނަ އިތުރު ބަދަލުތަކުގެ މައުލޫމާތު ހާމަކުރައްވާފަ އެވެ. މީގެ ތެރޭގައި އެއާލައިންތަކުން ޓިކެޓް ނެގުމާއި ރާއްޖޭން ބޭރުގައި ހޮޓަލަށް ޑެބިޓް ކާޑުން ފައިސާ ދެއްކޭ އަދަދު 3،000 ޑޮލަރަށް މަތިކުރުމާއި، ބޭސްފަރުވާއަށް ހޮސްޕިޓަލަށް ދައްކަންޖެހޭ ފައިސާ ޑެބިޓް ކާޑުން ދެއްކޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެ އެވެ.
”މި ހިދުމަތްތަކުގެ ސަބަބުން، މިހާރު ކަޅު ބާޒާރުގައި ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ އަޅުވެތިކަމުން އަރައިގަނެވޭނެ،“ ރައީސް މުއިއްޒު ވިދާޅުވި އެވެ.
މީގެއިތުރުން، ޗައިނާ ފައިސާއިން ބީއެމްއެލްގައި އެކައުންޓު ހުޅުވޭނެ ގޮތް ހަމަޖައްސައި، އަންނަ ޖެނުއަރީން ފެށިގެން ދުނިޔޭގެ 180 އަށްވުރެ ގިނަ ގައުމުތަކުގައި ބޭނުންކުރާ ޔޫނިއަން ޕޭ ޑެބިޓް އަދި ކްރެޑިޓް ކާޑު ރާއްޖޭގައި ތައާރަފްކުރާނެ ކަމަށް ރައީސް އިއުލާންކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބީއެމްއެލް އެމެރިކާ ޑޮލަރު



