ނަހަމަ ގޮތުގައި ޑެބިޓް ކާޑު ބޭނުންކުރާނަމަ ލިމިޓް ކަނޑައިލާނެކަމުގެ އިންޒާރު ބީއެމްއެލްއިން ދީފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ޑެބިޓް ކާޑު މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ބޭނުންކުރެވޭ ޑޮލަރުގެ ލިމިޓް ނަހަމަ ގޮތުގައި ބޭނުންކުރާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަރުގަދަ އިންޒާރެއް ދީފި އެވެ.

ބީއެމްއެލްއިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، އެންމެ މީހަކު 100 އަށްވުރެ ގިނަ ޑެބިޓް ކާޑު ރާއްޖެއިން ބޭރަށް ގެންގޮސް، ނަހަމަ ގޮތުގައި ބޭރު ފައިސާ ހޯދުމަށް މުއާމަލާތްތައް ހިންގާފައިވާކަން ވަނީ ފާހަގަކުރެވިފަ އެވެ.

ބީއެމްއެލް އިން ބުނީ މިފަދަ ކަންކަމަކީ ކާޑުގެ ވެރިފަރާތާއި ބޭންކާ ދެމެދު ވެފައިވާ އެއްބަސްވުމާ މުޅިން ހިލާފު އަމަލުތަކެކެވެ. އަދި، ޕަރސަނަލް ކާޑުތަކަށް ކަނޑައަޅާފައިވާ ލިމިޓަކީ ހަމައެކަނި ކާޑުގެ ވެރިފަރާތުގެ އަމިއްލަ ޒަރޫރީ ބޭނުންތަކަށް ޚަރަދުކުރުމަށް ދީފައިވާ ލިމިޓެއް ކަމަށް ބޭންކުން ބުންޏެވެ.

ބޭންކުން ވަނީ 11 ނޮވެމްބަރު 2025 އިން ފެށިގެން، ދިވެހި ރުފިޔާ އެކައުންޓަށް ދޫކޮށްފައިވާ ޑެބިޓް ކާޑު ރާއްޖެއިން ބޭރުގައި ބޭނުންކުރެވޭ އަދަދު އިތުރުކޮށްފަ އެވެ. މި ބަދަލާއެކު، ކާޑު މެޝިނުގައި ބޭނުންކުރެވޭ މުއާމަލާތްތަކަށް މަހަކަށް 1000 ޑޮލަރު، އަދި ޓިކެޓް، ހޮޓެލް ބުކިންގ، އަދި ސިއްހީ ފަރުވާއަށް ފައިސާ ދެއްކުމަށް މަހަކަށް 3000 ޑޮލަރާއި ހަމައަށް ލިމިޓް ކަނޑައަޅާފައިވެ އެވެ. ނަމަވެސް، މި ލިމިޓްތައް ބޭނުންކޮށްގެން، ރާއްޖެއިން ބޭރަށް ދަތުރުނުކުރާ ފަރާތްތަކުގެ ކާޑުތައް ބޭނުންކޮށްގެން ގިނަ އަދަދަކަށް ޓިކެޓް އަދި ހޮޓެލް ބުކިންގ ހަދާފައިވާކަން ވެސް ބޭންކަށް ވަނީ ފާހަގަކުރެވިފަ އެވެ.

ބީއެމްއެލްއިން ބުނެފައިވަނީ، މިފަދަ ނަހަމަ މުއާމަލާތްތަކަކީ ފައިސާގެ މުއާމަލާތް ހިންގުމުގެ އުސޫލުތަކާ ހިލާފު ކަންކަން ކަމަށެވެ. އެހެންކަމުން، ކުރިޔަށް އޮތްތާނގައި މިފަދަ މުއާމަލާތްތައް ބަލައި، ފިޔަވަޅު އެޅުމަށްޓަކައި ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަމުން ގެންދާނެ ކަމަށް ބޭންކުން ބުނެ އެވެ. އަދި، ނަހަމަ ގޮތުގައި ބޭނުންކުރާ ކާޑުތަކަށް ރާއްޖެއިން ބޭރުގައި ބޭނުންކުރުމަށް ކަނޑައަޅާފައިވާ ލިމިޓް ކަނޑައިލުމާއި، އެފަދަ މާރޗެންޓްތަކުގައި މުއާމަލާތް ނުކުރެވޭގޮތް ހެދުންފަދަ ފިޔަވަޅުތައް އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ބޭންކުން ދީފައިވެ އެވެ.

ބީއެމްއެލްއިން ބުނެފައިވަނީ، ޑެބިޓް ކާޑު މެދުވެރިކޮށް ބޭރު ފައިސާ ވިއްކޭ އަދަދު ބޮޑުކުރީ، ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ޒަރޫރީ ބޭނުންތައް ފުއްދުމަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމުގެ ބޭނުމުގައި ކަމަށެވެ. އެހެންކަމުން، މި ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ދެވޭނީ، ނަހަމަ ގޮތުގައި ކާޑު ބޭނުންކުރުމަށް ހިންގާ އަމަލުތައް ހުއްޓިގެން ކަމަށް ބޭންކުން ވަނީ ހާމަކޮށްފަ އެވެ. ބޭންކުން ވަނީ ކަސްޓަމަރުންގެ އެކައުންޓްގެ ރައްކާތެރިކަމަށްޓަކައި، ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

ބީއެމްއެލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ