’އިލްޒާމް ކުޑަކުދިންގެ ހަވީރު’ގެ ނަމުގައި މާދަމާ އާޓިފިޝަލް ބީޗުގައި ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފި އެވެ.
މި ކުޑަކުދިންގެ ހަވީރު ބާއްވަނީ ދިވެހި ފިލްމް އިލްޒާމް ޓީމުގެ ފަރާތުންނެވެ.
ދިވެހި ފިލްމް އިލްޒާމްއަކީ ދެކެދެކެ ޕްރޮޑަކްޝަން އާއި ޔޫއްޕެ ޕްރޮޑަކްޝަންއާއި ގުޅިގެން ދެފަރާތުން ޕްރިޑިއުސްކޮށް ހަދާ ފިލްމެކެވެ. މި ފިލްމް އޮކްޓޯބަރު މަހުގެ 20ވަނަ ދުވަހު އޮލިމްޕަހުގައި އެޅުވުމަށްވަނީ ހަމަޖެހިފަ އެވެ.
’ޖަވިޔަނި‘ އަށް މައުލޫމާތުދެއްވަމުން މުހައްމަދު އަބްދުﷲ (މުހަންމާ) ބުނީ މި ކުޑަކުދުންގެ ހަވީރުގައި މަޝްހޫރު ފިލްމީ ފަންނާނުން ބައިވެރިވާނެެ ކަމަށެވެ. އަދި މި ކުޑަކުދިންގެ ހަވީރުގައި އެކިކަހަލަ ކުޅިވަރުތަށް އޮންނާނެ ކަމަށާއި، އަދި މި ކުޅިވަރުތަކުގައި ބައިވެރިވެގެން ގިނަ ހަދިޔާތަކެއް ލިބޭނެ ކަމަށްވެސް މުހަންމާ ބުންޏެވެ. އަދި މީގެ އިތުރުން އެކިކަހަލަ ސްޓޯލްތަށްވެސް ހުންނާނެ ކަމަށެވެ.
މި ކުޑަކުދިންގެ ހަަވީރު ބާއްވަނީ މާދަމާ ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް އާޓިފިޝަލް ބީޗުގަ އެެވެ.
މި ކުޑަކުދިންގެ ހަވީރުގެ މަގުސަދަކީ މި ފިލްމު އިސްތިހާރު ކުރުމާއި ފިލްމުގެ ޓިކެޓް ވިއްކަން ފެށުން ކަމަށްވެސް މުހަންމާ ބުންޏެވެ.