ފުލުހުން މިއަދު ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި މީހަކު ހައްޔަރުކޮށްފި އެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން ފުލުހުން މިއަދު ބުނެފައިވަނީ، ޝަރީއަތް ހިނގަމުންދާ މައްސަލައެއްގެ ހެކިންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގުގައި، މާލޭގައި ފުލުހުން އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށެވެ.
މި މައްސަލައިގައި 34 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ކޯޓު އަމުރެއްގެދަށުން އޭނާ ދިރިއުޅޭ ތަން ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި އޭނާގެ ޑިޖިޓަލް ޑިވައިސްތައް ވަނީ ހިފަހައްޓާފަ އެވެ.
މީގެއިތުރުން މި މައްސަލައިގެ ތުހުމަތުގައި އިތުރު ދެ މީހެއްގެ ޑިޖިޓަލް ޑިވައިސްތައް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
ހެކިންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާކަމުގެ ތުހުމަތު ކުރެވެނީ ސީދާ ކޮން މައްސަލައެއްގައިކަން ފުލުހުން ނުބުނިނަމަވެސް، މައުލޫމާތު ލިބިފައިވާ ގޮތުގައި މި އޮޕަރޭޝަންއާ 2020 ވަނަ އަހަރު ތިމަރަފުށީ ސްކޫލް ގޮއްވާލަން އުޅުނު މައްސަލައިގައި ހައްޔަރުކޮށް ދައުވާކޮށްފައިވާ މީހުންގެ ތެރެއިން މީހަކާ ގުޅުމެއްވެ އެވެ.
