ގެދޮރުވެރިޔާ ސްކީމްގެ 4000 ހައުސިންގ ޔުނިޓްގެ ތެރެއިން ނިމިފައިވާ ޔުނިޓްތަކުގެ ތަޅުގަނޑިތައް ހަވާލުކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ފަށައިފިއެވެ.
އެފްޑީސީން މިކަން ހާމަކޮށްފައިވަނީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ. މިއަދު ހަވާލުކުރަން ފަށާފައިވަނީ އަމާން އުދަރެސްގެ 14 ވަނަ ޓަވަރުގެ ހައުސިންގ ޔުނިޓްތަކެވެ. މި ފްލެޓްތައް ހަވާލުކުރެވޭނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ނަން ފޮނުވާފައިވާ މީހުންގެ ތެރެއިން އެއްބަސްވުމުގައި ސޮއިކޮށް، ސެކިއުރިޓީ ޑިޕޮސިޓް ދައްކާ ނިމިފައިވާ ފަރާތްތަކަށެވެ.
ފްލެޓްތަކަށް ބަދަލުވުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތަކުގެ ތެރޭގައި، ބޮޑެތި ސާމާނު ގެންދިއުމަށް ޕޯޓަލް މެދުވެރިކޮށް ކިއު ނަންބަރެއް ނެގުން ހިމެނެއެވެ. ނަމަވެސް އަތުން ހިފައިގެން ގެންދެވޭވަރުގެ ކުދި ސާމާނު ގެންދިއުމަށް ވަކި ކިއު ނަންބަރެއް ނަގާކަށް ނުޖެހޭނެކަމަށް އެފްޑީސީން ބުނެފައިވެއެވެ.
ޓަވަރުތަކުގައި މީހުން އާބާދުވާން ފެށުމާއެކު، ރަށްވެހިންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ކޮމާޝަލް ޔުނިޓްތައް ދޫކުރެވޭނެއެވެ. މީގެ ތެރޭގައި ޑޭކެއަރ، ތަޢުލީމީ މަރުކަޒުތައް އަދި ގްރޯސަރީ ފަދަ ތަންތަން ހިމެނޭނެއެވެ.
ފްލެޓްތައް ހަވާލުކުރެވޭއިރު ހުންނާނީ އެންމެ ފުރިހަމަ ގޮތުގައި ނިމިފައި ކަމަށާއި، ނަމަވެސް ފަރުނީޗަރާއި ކިޗަން ކެބިނެޓް ފަދަ ތަކެތި ނުހުންނާނެ ކަމަށް އެފްޑީސީން ބުނެފައިވެއެވެ. އަދި މި ތަކެތި ގަތުމުގެ ފުރުސަތު އެފްޑީސީގެ ސަރވިސް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
