އުތުރުގެ އިގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދިނުމުގެ ބޭނުމުގައި ހދ. ކުޅުދުއްފުށީ ޕޯޓުގައި ގާއިމުކޮށްފައިވާ ޑިއުޓީ ފްރީ ޒޯނާއެކު، ރާއްޖޭގައި ރީއެކްސްޕޯޓް ވިޔަފާރި އިތުރަށް ފުޅާކުރުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ސައީދު މިހެން ވިދާޅުވީ އިއްޔެ ކުޅުދުއްފުށީ ޕޯޓުގެ ހިދުމަތްތައް ފުޅާކޮށް އާ ހިދުމަތްތަކެއް ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ، ރީއެކްސްޕޯޓް ކުރުމަށް ރާއްޖެއަށް އެތެރެކުރާ އެކި ބާވަތްތަކުގެ މުދާ، ޑިއުޓީ ނުދައްކާ އެ ޒޯނުގައި ބެހެއްޓޭނެ ވަސީލަތްތައް ގާއިމުކޮށްފައިވާ ކަމަށެވެ. މިއީ ރާއްޖޭގައި ގާއިމުކުރެވުނު އެންމެ ފުރަތަމަ ފްރީޒޯނެވެ.
މި ޒޯނުގައި ވަކި ފިނިހޫނުމިނެއްގައި ބަހައްޓަންޖެހޭ މުދަލާއި ޑްރައި ގުޑްސް އަދި ބަލްކް ކާގޯ ބެހެއްޓޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި މީގެ ސަބަބުން ބަނދަރަށް މުދާ ގެންނަ ހިސާބުން ވިޔަފާރިތަކަށް ޑިއުޓީ ދައްކަން ނުޖެހި ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
މިސާލަކަށް މި ތަނަށް ވަކި ކަހަލަ މުދަލެއް ގެންނަނީ. ގެނެސް ޑިއުޓީ ފްރީ ޒޯނުގައި ބަހައްޓަންވީ. ބަހައްޓާފައި ވިޔަފާރިވެރިން ބޭނުންވަނީ ވެލިއު އެޑްކޮށްފައި ރީއެކްސްޕޯޓް ކުރަން. އެހެންވީމާ ރީއެކްސްޕޯޓް ކުރެވޭނެ އިންތިޒާމު މި ދިޔައީ ފަހިވެގެން.
ރާއްޖޭގައި ރީއެކްސްޕޯޓު ވިޔަފާރި ފުޅާކުރުމުގެ މަސައްކަތުގެ ދަށުން، ދެކުނާއި މެދުރާއްޖެތެރޭގައި ވެސް މިފަދަ ފްރީޒޯނުތައް ގާއިމުކުރުމުގެ ވިސްނުން ސަރުކާރުގެ ހުރި ކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ. އަދި އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ކުރިއަށް އޮތްތަނުގައި ޑިމާންޑް އުފެދޭ މިންވަރަށް ބަލައި ބޮންޑެޑް ސްޓޯރޭޖުގެ ހިދުމަތްތައް ފުޅާކުރުމަށް ކުޅުދުއްފުށީ ޕޯޓަށް މިހާރު ހަމަޖައްސާފައިވާ ބިމުގެ ސަރަހައްދު ފުޅާކޮށް، އިތުރަށް ތަރައްގީ ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
ކުޅުދުއްފުށި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް