ދ. ކުޅުދުއްފުއްޓަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރެއްވި ޖަލްސާގައި ފެނިގެންދިޔައީ ޑިމޮކްރަޓިކް ވެރިއެއްގެ ފަރާތްޕުޅުން ފެންނާނެ އެންމެ ރީތި މިސާލު ކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝިޔާމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ގޮތުގައި، ކުޅުދުއްފުށީގެ މޭޔަރ މުޙައްމަދު އާތިފަކީ ރައީސްގެ ސިޔާސަތުތަކަށް މޭޔަރުގެ ސިޔާސީ ވިސްނުންފުޅުގައި ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެއްކަން އެނގިވަޑައިގަންނަވާ ހާލުގައިވެސް، ރާއްޖޭގެ ގިނަ ރައީސުންނާ ޚިލާފަށް މޭޔަރަށް ޕޯޑިއަމުން ވަގުތުގެ ލިމިޓޭޝަނެއް ކަނޑައެޅުއްވުމެއްނެތި ވާހަކަފުޅުދައްކަވަން ފުރުސަތު ދެއްވާފައިވެއެވެ.
މިނިސްޓަރ ޝިޔާމް ވިދާޅުވެފައިވަނީ، ”އަޅުގަނޑުގެ ހަނދާނަށް އައީ ނިމިދިޔަ ސަރުކާރުގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ނައިފަރަށް ވަޑައިގެންނެވި ރަސްމީ ދަތުރުފުޅުގައި ކައުންސިލްގެ ރައީސް އަޚު މުޙައްމަދު ރަޝީދަކީ ސިޔާސީގޮތުން ޚިޔާލު ތަފާތު ބޭފުޅަކަށްވީތީ ޖަލްސާގައި ފުރުސަތު ނުދެއްވި ދުވަސް“ ކަމަށެވެ.
އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފްއަކީ ސަރުކާރުގެ ސިޔާސަތުތަކަށް އަބަދުވެސް ފާޑުވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ. ރޭގެ ޖަލްސާގައިވެސް އާތިފް ވަނީ ސަރުކާރުގެ ގިނަ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިނިސްޓަރ ޝިޔާމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސް ޑރ. މުޢިއްޒުގެ މި ދަތުރުފުޅު ނިމޭއިރު، ދިވެހި ތާރީޚުގައި 5 އަހަރުގެ ޒަޢާމަތެއްގައި ކުރިޔަށް ގެންދެވޭ އެންމެ ގިނަ މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ހުންނާނީ ފެށިފައެވެ. އަދި ރައީސް މުއިއްޒު ވެވަޑައިގަންނަވާނީ 5 އަހަރުގެ ޒަޢާމަތެއްގައި އަތޮޅުތެރޭގައި ރައްޔިތުންނާއެކު އެންމެ ގިނަ ވަގުތު ހޭދަކުރެއްވި ރައީސްއަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުޅުދުއްފުށި މިނިސްޓަރު އަހްމަދު ޝިޔާމް