ވެލާނާ އިންޓަނޭޝަން އެއާޕޯޓުގެ އާ ޓާމިނަލް ނިންމަން އިތުރަށް ބޭނުންވި ފައިސާ ކުރީ ސަރުކާރަށް ސައުދީއަރިބިއްޔާއިން ނުލިބުނު ކަމަށާއި އެ ފައިސާވެސް ހޯދީ މިސަރުކާރުން ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ޚަލީލް ވިދާޅުވީ ރާއްޖެއާއި ސައުދީއާ ދެމެދު އޮތީ ވަރަށް ވަރުގަދަ ގުޅުމެއް ކަމަށެވެ. ރާއްޖޭގެ ތަރައްގީއަށް ސައުދީންނާއި ސައުދީ ޑިވެލޮޕްމެންޓް ފަންޑުން ބޮޑު އެހީތެރިކަމެއް ލިބޭކަން ފާހަގަކުރައްވާ މިނިސްޓަރު ޚަލީލް ވަނީ އެއާޕޯޓުގެ އާ ޓާމިނަލް ނިންމާ ހުޅުވުމުގައިވެސް ސައުދީ ފަންޑުގެ އެހީތެރިކަން ލިބުނުކަން ފާހަގަކުރައްވާފަ އެވެ.
ރާއްޖެއާއި ސައުދީއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވަމުންދާކަން ފާހަގަކުރައްވާ މިނިސްޓަރު ޚަލީލް ވިދާޅުވީ މިދިޔަ ސަރުކާރުގެ އިސްވެރިން ސައުދީއަށް ވަޑައިގެން ބޭއްވެވީ 6 ބައްދަލުވުމެއް ކަމަށާއި މި ސަރުކާރުން ވެރިކަމާ ހަވާލުވެގެން މިވީ ކުރު މުއްދަތުގައި 7 ބައްދަލުވުމެއް ސައުދީގައި ބާއްވާފައިވާ ކަމަށެވެ. އޭގެތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު ނުރަސްމީ ދަތުރުފުޅެއްގައި ހައްޖަށް ވަޑައިގެންނެވި ދަތުރުފުޅުގައި ސައުދީގެ ވަލީއަހުދާ ބައްދަލުކުރެއްވި ކަމަށާއި މިއީ ވަރަށް ޚާއްސަ ބައްދަލުވުމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިސަރުކާރުން ވެރިކަމާ ހަވާލުވިތާ ކުރީކޮޅު ސައޫދީ ސަރުކާރުން އެހީގެ ގޮތުގައި ތިން މިލިއަން ޑޮލަރު ލިބުނު ކަމަށާއި، އަދި އެއާޕޯޓުގެ ޓާމިނަލް ނިންމާ ހުޅުވުމަށް ބޭނުންވި ފައިސާވެސް ހަމަޖެހިގެންދިޔަކަން މިނިސްޓަރު ޚަލީލް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ އާ ޓާމިނަލް ނިންމަން އިތުރަށް ބޭނުންވި ފައިސާއަކީ، ކުރީ ސަރުކާރަށް ސައުދީއަރިބިއްޔާއިން ނުލިބުނު ފައިސާ ކަމަށެވެ.
އަރަބި ގައުމުތަކާއި ރާއްޖެއާދެމެދު އޮތްގުޅުން މި ވެރިކަމުގައި އިތުރަށް ބަދަހިވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލިސް ރާއްޖެ - ސައުދީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް



