ޓެކްސް ނުދައްކާ މަކަރު ހަދާނަމަ، އަޅުގަނޑުވެސް ޖަލަށް ލާންވީ: ސަލީމް

Advertisement

އެންމެ ފަސް

Advertisement

ބަރާބަރަަށް ޓެކްސް ދައްކާ މީހުންތިބިއިރު، ޓެކްސް ނުދައްކާ މަކަރުހަދާ މީހުންވެސް އުޅޭ ކަމަށާއި، އޭނާވެސް ޓެކްސް ނުދައްކާނަމަ ޖަލަށް ލާންވީ ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގެ ބަހުސް ކުރިއަށް ގެންގޮސްފަ އެވެ.

މި ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު ސަލީމް ވިދާޅުވީ މިއީ މުހިންމު ބިލެއް ކަމަށާއި، ދައުލަތަށް ލިބެންވާ ފައިސާގެ ތެރެއިން ވަރަށް ބޮޑު ބައެއް ޓެކްސްގެ ތެރެއިން ނުލިބޭ ކަމަށެވެ. އެގޮތުން ލަފާކުރެވޭ ގޮތުގައި، ޓެކްސްގެ ގޮތުގައި 15 ބިލިއަނެއްހާ ރުފިޔާ ދައުލަތަށް ނުލިބިވާކަމަށް ސަލީމް ވިދާޅުވި އެވެ.

އެއްބަޔަކު ބަރާބަރަށް ޓެކްސް ދެއްކިނަމަވެސް ޓެކްސްއަށް މަކަރުހަދާ މީހުން އަދި ޓެކްސް ނުދައްކާ މީހުން އުޅޭ ކަމަށްވެސް ސަލީމް ވިދާޅުވި އެވެ. އެކަމުގެ ސަބަބުން ދައުލަތަށް ހިންގުމަށްޓަކައި ލިބެންޖެހޭ ފައިސާ ކޮންމެ އަހަރަކުވެސް ބޮޑުތަނުން އުނިވާކަން ފާހަގަކުރެއްވި އެވެ. އަދި ޓެކްސް ނުދައްކާ މީހުންނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ހުރި އަދަބުތައްވެސް ދޭންޖެހޭ ކަމަށް ވިދާޅުވި އެވެ.

”އަޅުގަނޑަކީ ވިޔަފާރިވެރިއެއް. އަޅުގަނޑު ޓެކްސް ނުދެއްކިޔަސް ހަމަ، އަޅުގަނޑު ގެންގޮސް ޖަލަށް ލާންވީ. އެއީ އަޅުގަނޑަށް މައްސަލައެއް ނޫން. ޓެކްސްއަށް މަކަރުހެދިޔަސް އަޅުގަނޑާ ދޭތެރޭ އަޅަންޖެހޭ ފިޔަވަޅު އަޅަންވީ.“ ސަލީމް ވިދާޅުވި އެވެ.

މީގެއިތުރުން ސަލީމް ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކާއި އަޅާބަލާއިރު ރާއްޖޭގައި ޓެކްސްގެ ގޮތުގައި ނަގާ ވަރު ބޮޑު ނޫން ކަމަށެވެ. އެގޮތުން ދުނިޔޭގެ ބައެއް ގައުމުތަކުގައި ޓެކްސްގެ ގޮތުގައި 50%، 40% އަދި 30% ވެސް ނަގާކަން ސަލީމް ފާހަގަކުރެއްވި އެވެ. އެމިންވަރުތަކާ އަޅާބަލާއިރު ރާއްޖޭގައި ޓެކްސް ބޮޑު ނޫންކަމަށް ވިދާޅުވި އެވެ.

ދައުލަތުން ކުރިއަށް އޮތް އަހަރުވެސް ބޮޑު ދަރަންޏެއް ދައްކަން އޮތްކަން ފާހަގަކުރައްވާ ސަލީމް ވަނީ ޓެކްސްގެ ގޮތުގައި އެ ފައިސާ ނުލިބޭނަމަ ދަރަނި ދައްކާނީ ކިހިނެއްތޯ ސުވާލު އުފައްދާފަ އެވެ.

ރައްޔިތުންގެ މަޖިލިސް އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ