ޓެކްސް ނުދައްކާ ފަރާތްތައް ޖަލަށް ލެވޭނެ އިސްލާހެއް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފަ އެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅާ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ، ޓެކްސް ދައްކަންޖެހޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ޓެކްސް ބަޔާން ހުށަނާޅާ ހާލަތުގައި، އެ ފަރާތްތަކުން ދައްކަންޖެހޭ ޓެކުހުގެ މިންވަރު ބިނާކުރުމުގެ އިޚްތިޔާރު މީރާއަށް ލިބިދީ، އެކަމާބެހޭ އުސޫލުތައް ޤާނޫނުގައި، ހިމެނުމަށާއި ޤާނޫނުގެ ދަށުން މީރާއިން ހިންގާ އޮޑިޓްތަކާއި، ތަޙްޤީޤުތައް ހިންގުމުގެ އުސޫލުތަކާއި، އިޖުރާއަތުތަކާއި ޓެކުހުގެ ގޮތުގައި ލިބެންވާ ފައިސާ ހޯދުމުގައި މީރާއަށް ލިބިގެންވާ ބާރުތައް މުރާޖަޢާކޮށް ޓެކުހާގުޅޭ ކުށާއި ކުށުގެ އަދަބުތައް އިޞްލާޙުކުރުމުގެ އިތުރުން، ޓެކުހުގެ ނިޒާމު ހިންގައި ތަންފީޒުކުރުން ހަރުދަނާކުރުން ކަމަށެވެ.
ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި، ޓެކްސް ބަޔާން ހުށަނޭޅުމާއި މައުލޫމާތު ހުށަނޭޅުމުގެ ކުށެއްގެ ޖިނާއީ އަދަބު ވަނީ ބޮޑު ކޮށްފަ އެވެ. އެގޮތުން މިހާރު ޤާނޫނުގައި އެފަދަ ކުށެއް ކޮށްފިނަމަ ދެވޭނެ ޖިނާއީ އަދަބުގެ ގޮތުގައި ބަޔާންކޮށްފައިވަނީ 1 މަސްދުވަހާއި 6 މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ގޭގައި ބަންދުކުރުމެވެ. ނަމަވެސް ސަރުކާރުން މިހާރު ހުށަހަޅާފައިވާ އިސްލާހަކީ މިފަދަ ކުށެއް ކޮށްފިނަމަ 250،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމާއެކު 1 މަސްދުވަހާއި 6 މަސްދުވަުގެ މުއްދަތަކަށް އެ ފަރާތެއް ޖަލަށް ލުމެވެ.
އިސްލާހުގައި ވަނީ، އެއްވެސް ޓެކްސް ޤާނޫނެއްގެ ދަށުން ދައްކަންޖެހޭ ޓެކްސްއެއް ދެއްކުމުން، އެނގިހުރެ، ގަސްދުގައި އެއްކިބާވުމުގެ ނިޔަތުގައި، ނުވަތަ އެކަން އެގޮތަށް ކުރުމަށް ޓެކްސް ދައްކަންޖެހޭ މީހަކަށް އެހީތެރިވެދިނުމުގެ ނިޔަތުގައި ކުރާ ކަންކަމުގެ ކުށުގެ އަދަބު ބޮޑުކޮށްފަ އެވެ. އެގޮތުން ޤާނޫނުގައި މިހާރު މިފަދަ ކުށްތަކަށް އޮންނަ ޖިނާއީ އަދަބަކީ 3 މަހާއި 1 އަހަރުގެ މުއްދަތަށް އެމީހަކު ގޭގައި ބަންދުކުރުމެވެ. ނަމަވެސް މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ވަނީ މިފަދަ ކުށެއްގެ އަދަބަކީ 3 މަހާއި 2 އަހަރުގެ މުއްދަތަށް އެމީހަކު ޖަލަށްލުން ކަމަށް ބަޔާންކޮށްފަ އެވެ.
ޓެކްސް ޤާނޫނެއްގެ ދަށުން މިރާއަށް ހުށަހަޅަންޖެހޭ ޓެކްސް ބަޔާނެއް، އެ ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ތާރީހަށް ހުށހަަޅާފައި ނުވާނަމަ، ޓެކްސް ބަޔާން ހުށަހެޅުމަށް އަންގާ އެމީހަކަށް ނޯޓިސް ފޮނުވިދާނެ ކަމަށާއި އަދި އެއަށްފަހު އެ ފަރާތަކުން ދައްކަންޖެހޭ ޓެކްސްގެ މިންވަރު މީރާއަށް ބަޔާންކުރެވިދާނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެ އެވެ.
ޓެކްސް ޤާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ ޓެކްސްއެއް ނުވަތަ ޓެކްސްއާ ގުޅޭ ޖުރިމަނާއެއް، އެ ފައިސާއެއް ދައްކަންޖެހޭ ތާރީޚުގެ ނިޔަލަށް ދައްކައިފައިނުވާނަމަ، އެ ފައިސާ ދެއްކުމަށް އަންގާ އެމީހަކަށް ނޯޓިސް ފޮނުވޭނެ ކަމަށާއި އަދި ފައިސާ ނުދައްކާ ފަރާތުގެ ނަން ހާމަކުރެވޭނެ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ. އަދި ޓެކްސް ނުދައްކާ ފަރާތުގެ ބިންބިމާއި މިލްކިއްޔާތު ހިފެހެއްޓުމާއި، ޓެކްސް ނުދައްކާ ފަރާތުގެ ބޭންކް އެކައުންޓް ބެލުން އަދި ޝަރީއަތް މެދުވެރިކޮށް އެ ފައިސާ ހޯދޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.
މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ، ޓެކްސް ޤާނޫނުގައި ޖިނާއީ އަދަދބު ކަނޑައެޅިފައިވާ ކޫށެއް ކަމަށް ބަޔާންކޮށްފައިވާ ކުށެއްގެ ދައުވާ އުފުލަންވާނީ އެ ކުށް ކުރި ތާރީހުން ފެށިގެން ގިނަވެގެން 8 އަހަރުގެ ތެރޭގައި ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް މީރާ



