ކުރީ ސަރުކާރުތަކުން އިހުމާލުވި ކޯޓް ކޮމްޕްލެކްސްގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ނިންމާނެ ކަމަށް މަނަދޫ ދާއިރާގެ މެންބަރު އަދި ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު ހުސްނީ މުބާރިކް ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހުސްނީ މުބާރިކް ވިދާޅުވީ، ފަނޑިޔާރުގޭގެ ވާހަކައަކީ ރައްޔިތުން އަބަދުވެސް ދައްކާ ވާހަކައެއް ކަމަށާއި އެ ވާހަަކަ އެގޮތަށް ދައްކަނީ ފަނޑިޔާރުގެއަށް ހުށަހެޅޭ މައްސަލަތައް ނިމުން ލަސްވާތީ ކަމަށެވެ.
ޖިނާއީ މައްސަލަތައް ލަސްވާ ވާހަކަ ދައްކާއިރު، އާންމުގޮތެއްގައި އަންނަނީ ކޯޓުގެ ޖާގައިގެ ދަތިކަމުގެ ވާހަކަކަން ފާހަގަކޮށް ހުސްނީ މުބާރިކް ވިދާޅުވީ ކްރިމިނަލް ކޯޓުގައި ޖާގައިގެ ދަތިކަން އޮތްކަމަކީ ތެދެއް ކަމަށެވެ. މިދިޔަ ސަރުކާރުތަކުން އެކަމަށް ހައްލެއް ހޯދައިދީފައި ނެތްނަމަވެސް މިސަރުކާރުން މިމަސް ތެރޭގައި ކްރިމިނަލް ކޯޓު ހުޅުމާލެއަށް ބަދަލުކުރާނެ ކަމަށް ވިދާޅުވި އެވެ. އަދި މިސަރުކާރުން ކޯޓު ކޮމްޕްލެކްސްގެ މަސައްކަތް ނިންމާ ޖުޑިޝަރިއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލައަށް ހައްލު ހޯދާނެ ކަމަށް ހުސްނީ މުބާރިކް ވިދާޅުވި އެވެ.
މެޖިސްޓަރޭޓް ކޯޓުތަކުގައިވެސް ގިނަ މައްސަލަތަކެއް ފުނިޖެހިފައި ހުރިކަން ފާހަގަކޮށް ހުސްނީ މުބާރިކް ވިދާޅުވީ އެކަން ބެލެންޖެހޭ ކަމަށާއި، ޖިނާއީ މައްސަލައެއްގައި ހުކުމް ނުކުރެވި 5 އަހަރު މެޖިސްޓްރޭޓް ކޯޓެއްގައި އޮންނަނީ ކީއްވެތޯ ބެލެންޖެހޭ ކަމަށެވެ. އަދި މަދަނީ އިޖުރާއަތުގެ ޤާނޫނަށް އަމަލުކުރަން ފެށިފަހުން މައްސަލަތައް ހިންގުން ލަސްވިކަން ފާހަަގަކުރެވޭ ކަމަށާއި އެކަންކަން ހައްލުކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
ފަނޑިޔާރުންގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހަކީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކައަށް ރައްދު ދެއްވާ މެންބަރު ހުސްނީ މުބާރިކް ވިދާޅުވީ، މި އިސްލާކީ 19 ވަނަ މަޖިލީހަށްވެސް ހުށަހެޅި، ބަހުސްކޮށް، ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ނިންމާ ތަޅުމަށް ހުށަހެޅުމުން އަލުން ދިރާސާކުރުމަށް އަނބުރާ ކޮމިޓީއަށް ފޮނުވާލާފައިވާ ބިލެއް ކަމަށެވެ. އެހެންކަމުން މި އިސްލާހަކީ މި ސަރުކާރުން އަލަށް، ޖުޑިޝަރީއަށް ނުފޫޒު ފޯރުވުމަށް، ފޮނުވައިގެން އުޅޭ ބިލެއްކަމަށް ބުނެ ދައްކާ ވާހަކައަކީ އެންމެ ރަނގަޅަށް ދައްކާ ވާހަކައެއް ނޫންކަމަށް ވިދާޅުވި އެވެ.
