ޕްރިމިއާ ޗެމްބާސްއަށް ނާޒިމް 1.3 މިލިއަން ރުފިޔާ ދޭން ނުޖެހޭކަމަށް ހުކުމްކޮށްފި

Advertisement

އެންމެ ފަސް

Advertisement

ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށް މުހައްމަދު ނާޒިމް 2015 ވަނަ އަހަރު ހައްޔަރުކޮށް ހިނގި ކަންކަމުގައި ޕްރިމިއާ ޗެމްބާސްއިން ފޯރުކޮށްދިން ގާނޫނީ ހިދުމަތަށް ލިބެންޖެހޭ ކަމަށްބުނާ 1.3 މިލިއަން ރުފިޔާއަކީ ނާޒިމް ދައްކަންޖެހޭ ފައިސާއެއް ކަމަށް ސާބިތު ނުވާ ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނާޒިމް ހައްޔަރު ކޮށްފައިވަނީ އޭނާގެ ކޮޓަރިން ހަތިޔާރު ފެނުނު ކަމަށް ބުނެ އެވެ.

ޕްރިމިއާ ޗެމްބާސްގެ ފަރާތުން ނާޒިމްއާ ދެކޮޅަށް 2020 ވަނަ އަހަރު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ، ކްރިމިނަލް ކޯޓުން ނާޒިމްގެ މައްޗަށް އިއްވި ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި އިސްތިއުނާފު ފޯމު ތައްޔާރުކޮށް، ހައިކޯޓަށް ހުށަހެޅުމަށާއި އެ މަރުހަލާގައި ޕްރިމިއާ ޗެމްބާސްއިން ފޯރުކޮށްދީފައިވާ ޤާނޫނީ ހިދުމަތުގެ އަގު ނަގައިދިނުމަށެވެ.

މި މައްސަލައިގައި ޕްރިމިއާ ޗެމްބާސްގެ ފަރާތުން އެދިފައިވަނީ، ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފީގެ ގޮތުގައި ކަނޑައަޅާފައިވާ 977،353.13 ރުފިޔާއަކީ ނާޒިމް ދައްކަންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި ދިނުމަށާއި އެ ފައިސާ ނުދެއްކުމުގެ ސަބަބުން ކޮށްފައިވާ ޖުރިމަނާތަކާއެކު ޖުމުލަ 1،378،437.05 ރުފިޔާ ނާޒިމްގެ އަތުން ނަގައިދިނުމަށެވެ.

މި ދައުވާގެ ޖަވާބުގައި ނާޒިމްގެ ފަރާތުން ބުނެފައިވަނީ، ޕްރިމިއާ ޗެމްބާސްގެ ފަރާތުން ހުށަހަޅާފައިވާ ދައުވާއަށް އިންކާރު ކުރާ ކަމަށާއި، ދައުވާގައި ހޯދުމަށް އެދިފައިވާ ފައިސާއާ ގުޅޭގޮތުން ދައުވާގައި ބަޔާންކުރާ މަސައްކަތަކީ ނާޒިމްގެ ފަރާތުން އެދިގެން ޕްރިމިއާ ޗެމްބާސްއިން ކޮށްދީފައިވާ މަސައްކަތެއް ނޫން ކަމަށެވެ. އަދި އެ މަސައްކަތް ކޮށްދޭނެ އަގަކަށް ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވެސް ނުވާކަމަށާއި އަދި މި މުއާމަލާތާއި ގުޅިގެން އެއްވެސް އެއްބަސްވުމެއް ވެފައިނުވާ ކަމަށެވެ.

ސިވިލް ކޯޓުން މި މައްސަލައިގައި އިއްޔެ ކުރި ހުކުމުގައި ބުނެފައިވަނީ، ޤާނޫނީ ފީގެގޮތުގައި ޕްރިމިއާ ޗެމްބާސްއިން ހުށަހެޅި އަގަށް އެއްބަސްވެވެން ނެތްކަމަށް ނާޒިމްގެ ފަރާތުން ބުނެފައިވާ ކަމަށެވެ. އެހެންކަމުން ޕްރިމިއާ ޗެމްބާސްގެ ފަރާތުން ޤާނޫނީ ހިދުމަތްތަކަށް ދައްކަންޖެހޭ އަގުުގެ ގޮތުގައި ހުށަހެޅި ހުށަހެޅުންތަކަށް ދެފަރާތުން އެއްބަސްވެފައިނެތްކަން އެނގެން އޮތުމުން، ”ކޮންޓްރެކްޓެއް ވުޖޫދުވުމުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ ހުށަހެޅުމާއި އެ ހުށަހެޅުން ރައްދުވި ފަރާތުގެ ޤަބޫލު“ މި މުއާމަލާތުގައި ދެފަރާތުގެ ދެމެދުގައި އޮތްކަން އެނގެން ނެތްކަމަށް ސިވިލް ކޯޓުގެ ނިންމުމުގައި ބުނެފައިވެ އެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ޕްރިމިއާ ޗެމްބާސްއިން ފޯރުކޮށްދީފައިވާ ޤާނޫނީ ހިދުމަތުގެ އަގުގެ ގޮތުގައި ހޯދުމަށް އެދިފައިވާ ފައިސާއާ ގުޅިގެން ޕްރިމިއާ ޗެމްބާސްއާއި ނާޒިމް އާދެމެދު ވަކިގޮތަކަށް އެއްބަސްވެފައިވާކަން ސާބިތުވާން ނެތްކަމަށެވެ. އެހެންކަމުން އެ ފައިސާއަކީ ނާޒިމް ދައްކަންޖެހޭ ފައިސާއެއްކަމުގައި ސާބިތުނުވާ ކަމަށް ކަނޑައަޅައި، މި ދައުވާގައި ޕްރިމިއާ ޗެމްބާސްގެ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާ ނަގައިދޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ވަނީ ހުކުމް ކޮށްފަ އެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ސިވިލް ކޯޓު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ