ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މެލޭޝިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ކުއަލަލަމްޕޫރުގައި ހުންނަ ޕެޓްރޯނާސް ޓްވިން ޓަވަރސް އަށް މިއަދު ޒިޔާރަތްކުރައްވައިފި އެވެ.
ޕެޓްރޯނާސް ޓްވިން ޓަވަރސް އަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ މެލޭޝިއާ ޕެޓްރޯލިއަމް މެނޭޖްމަންޓް (އެމް.ޕީ.އެމް) ގެ ސީނިއަރ ވައިސް ޕްރެޒިޑެންޓް ހިޒް އެކްސެލެންސީ ބަޗޯ ޕިލޮންގް އެވެ. މި ޒިޔާރަތުގައި ރައީސް މުއިއްޒަށް ސްކައިބްރިޖާއި އޮބްޒަވޭޝަން ޑެކްގެ ޓުއާއެއް ދެއްވި އެވެ.
452 މީޓަރުގެ އުސްމިނުގައި ހުންނަ މި އިމާރާތަކީ ދުނިޔޭގެ އެންމެ އުސް ދެބުރުޖު އިމާރާތެވެ. 1998 ގައި ނިންމާފައިވާ 88 ބުރީގެ މި ބުރުޖުތަކުގައި އިސްލާމީ ހަންދަސީ މިންގަނޑުތަކާއި މެލޭޝިޔާގެ ޒަމާނީ ކުރިއެރުން ރަމްޒުކޮށްދެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފަހިކޮށް، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައިދެއްވުމެވެ. މެލޭޝިއާގެ ސަގާފަތާއި ތަރިކައާއި ގުޅުންހުރި މިފަދަ މުހިންމު ތަންތަނަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރެއްވުމަކީ ދެ ޤައުމުގެ މެދުގައި އޮތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމެއްކަމުގައި ފާހަގަކުރެވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - މެލޭޝިޔާ



