ޕޮލްކޯއިން ހިންގި ބްލޫސް ހައުސިން މަޝްރޫއުގެ ތެރެއިން ހިންގާފައިވާ ހިޔާނާތުން ހޯދާފައިވާ ބިންތަކާއި މުދާ ދައުލަތަށް ނެގުމަށް ހުށަހެޅުމަށް އެ މައްސަލަ ދިރާސާކުރާ މާލިއްޔަތު ކޮމިޓީގެ ސަބްކޮމިޓީން ނިންމައިފި އެވެ.
ޕޮލްކޯގެ ކޮރަޕްޝަންގެ މައްސަލަ ފެންމަތިވެފައިވަނީ ”ބްލޫސް ހައުސިންގ“ މަޝްރޫއާ ގުޅޭގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި ސްޕެޝަލް އޮޑިޓް ރިޕޯޓުންނެވެ.
މި މައްސަލައިގައި މިއަދު ކުރިއަށް ގެންދިޔަ މާލިއްޔަތު ކޮމިޓީގެ ސަބްކޮމިޓީގެ ބައްދަލުވުމުގައި، ކޮމިޓީ ޗެއާކުރައްވާ ދިއްގަރު ދާއިރާގެ މެންބަރު މަޖިލީހުގެ ނައިބުރައިސް އަހުމަދު ނާޒިމް ވިދާޅުވީ، އެ މަސައްކަތްކުރުމަށް ސައިޓަށް ގެނައި ސާމާނު އެތަނުގައި ނެތްކަމަށާއި އެތަކެތި ހުރީ އެހެން ސައިޓެއްގައި ކަމަށެވެ.
ނާޒިމް ވިދާޅުވީ މި މައްސަލައިގައި ހިމެނޭ އައިލެންޑް އެކްސްޕާޓަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ފުލުހުންގެ ބޯޑުން ނިންމުންތަކެއް ނިންމާފައިވާ ކަމަށެވެ. އަދި ޕޮލްކޯއިން ދޫކުރި ފައިސާއިން އައިލެންޑް އެކްސްޕާޓް ކުންފުނިން ހުޅުމާލެއިން ބިމެއް ހޯދާ އިމާރާތެއްގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އެ ކުންފުނީގެ ޑިރެކްޓަރަކު ހުޅުމާލޭން ބިމެއް ގަނެފައިވާ ކަމަށެވެ.
މީގެއިތުރުން ނާޒިމް ވިދާޅުވީ މި މައްސަލައިގައި ވަކިވަކި ފުލުހުން ޒިންމާދާރުކުރުވާވަރަށް ކަންކަން ހޯދިފައިވާ ކަމަށެވެ. އަދި އެ ފުލުހުންނަށް ފިޔަވަޅު އެޅުމަށާއި ދައުލަތުގެ ފައިސާ ބޭނުންކޮށްގެން އުފައްދާގައި އެސެޓްތަކާއި މުދާ ދައުލަތަށް ނެގުމަށް ރިޕޯޓުގައި ހިމަނާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ސަބްކޮމިޓީގެ މި ރިޕޯޓު ދެން ފޮނުވާނީ މާލިއްޔަތު ކޮޮމިޓީއަށެވެ. އަދި އެ ރިޕޯޓާއި މެދު ގޮތެއް ނިންމާނީ އެ ކޮމިޓީންނެވެ.
މާލިއްޔަތު ކޮމެޓީ ދިވެހި ފުލުހުންގެ ޚިދުމަތް ޕޮލިސް ކޯޕްރޭޓިވް ސޮސައިޓީ (ޕޮލްކޯ)