2014 ވަނަ އަހަރުން ފެށިގެން ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) ގެ ޑޭޓާބޭސްގެ ޑޭޓާތައް ސިޔާސީ ބައެއް މީހުން އަމިއްލަ ބޭނުމަށް ބޭނުންކޮށްފައިވާކަމަށާއި މި ދައުރު ތެރޭގައި ޑީއެންއާރްގެ އެއްވެސް ޑޭޓާއެއް ކޮމްޕްރޮމައިޒް ވެފައި ނުވާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އިހުސާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިކް އަހުމަދު ނަސީމް ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގަ އެވެ. މެންބަރު މީކާއިލްގެ ސުވާލުގައި ވަނީ ޕީއެންސީއަށް މެންބަރުން ވެއްދުމަށް ޑީއެންއާރުގެ މައުލޫމާތު ބޭނުންކޮށްފައިވާކަމަށް ތުހުމަތުކޮށް ޑީއެންއާރުގެ މައުލޫމާތުތައް އިތުރަށް ރައްކާތެރިކުރުމަށް އަޅަނީ ކޮން ފިޔަވަޅުތަކެއްތޯ ސުވާލު ކުރައްވާފަ އެވެ.
މިނިސްޓަރު ވިދާޅުވީ ހޯމް މިނިސްޓްރީގެ ދަށުން ހިނގާ ޑީއެންއާރުގެ ޑޭޓާބޭސް ބޭނުންކޮށްގެން ރައްޔިތުންގެ ޒާތީ މައުލޫމާތު ލީކުވެ އެއްވެސް ސިޔާސީ ޕާޓީއަކަށް ބަޔަކު ވައްދާފަ ހުރި ކަމަކީ އެއްވެސް ދައުލަތުގެ އިދާރާއަކުން ’އެސްޓެބްލިޝް‘ ކޮށްފަ އޮތް ފެކްޓެއް ނޫން ކަމަށެވެ.
އެހެން ނަމަވެސް އަޅުގަނޑުމެން ސަރުކާރާ ހަވާލުވެގެން އަޅުގަނޑުމެން ބެލި ބެލުމުން އަޅުގަނޑުމެންނަށް ޔަގީންވެ ފެނިފަ އެބަ ހުރި 2014 ވަނަ އަހަރުން ފެށިގެން ދައުލަތުގެ ބެލުމުގެ ދަށުގަ ހުރި މިފަދަ ޑޭޓާތައް ލީކުވެ އެކި އެކި ސިޔާސީ ފަރާތްތަކުން އެ މައުލޫމާތުތައް ސިޔާސީ މަސައްކަތުގައި ބޭނުން ކުރަމުން އަންނަކަން.
މި މައްސަލައާ ގުޅިގެން މި ސަރުކާރު އައި ފަހުން ހޯމް މިނިސްޓްރީން ވަރަށް ބައިވަރު ފިޔަވަޅުތައް އަޅާފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ސިސްޓަމް ތެރޭގައި އެކްސެސް ލޮގްތައް ހުރިކަން ކަށަވަރުކޮށްފައިވާނެ ކަމަށާއި ސިސްޓަމުގައި ޕެނެޓްރޭޝަން ޓެސްޓެއް ހެދުމުގެ އިތުރުން ސިސްޓަމް ޕެޗުކޮށްފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން ޑޭޓާއަށް އެކްސެސް އޮންނަ ހުރިހާ މުވައްޒަފުންނަށް އެކްސެސް ވަނީ އެ މުވައްޒަފުންގެ މަސައްކަތަށް ރަސްމީ ގޮތުން ބޭނުންވާ ވަރަށް އެކަނިކަމަށް ކަށަވަރު ކުރެވިފައިވާކަމަށްވެސް އިހުސާން ވިދާޅުވި އެވެ.
އަޅުގަނޑަށް ޔަގީންކަން ދޭން ކެރޭނެ ކަމަކީ އަޅުގަނޑުމެންގެ މި ދައުރު ތެރޭގައި ޑީއެންއާރުގެ ޑޭޓާބޭސް އެގޮތަށް ކޮމްޕްރޮމައިޒްވެފައި ނޯންނާނެކަން. އަދި މީގެ ފަހުން އެހެން ސަރުކާރެއް އަޔަސް މިހާރުގެ ހުރި މެޝާސްތަކާއެކު މި ޑޭޓާގެ (ރައްކާތެރިކަން) ކަށާވަރު ކުރެވިގެން ދާނެކަން.
މިނިސްޓަރު ވަނީ މި ސުވާލުގެ ޖަވާބު މީގެ ކުރިންވެސް ދެއްވާފައިވާނެ ކަމަށާއި ނަމަވެސް މި ގޮތަށް ސުވާލު ތަކުރާރު ކުރާ މައްސަލަ މީގެ ކުރިންވެސް ޖެހޭ ކަމަށެވެ. އަދި އެއީ ބައެއް މެންބަރުންނަށް ޖަވާބު ހަދާން ނެތޭތީ ޖެހޭ މައްސަލައެއްކަމަށް މިނިސްޓަރު ވަނީ ސިފަ ކުރައްވާފަ އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ރައްޔިތުންގެ މަޖިލިސް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)
