ކ. މާފުށީގައި ވައްކަން ކުރި މީހަކަށް އަނިޔާކޮށް ކުލަ އުނގުޅުމުން، އެފަދަ ދަށު ދަރަޖައިގެ އަމަލުތައް ނުހިންގުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އިލްތިމާސް ކޮށްފި އެވެ.
ސޯޝަލްމީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަގޮތުން، މާފުށީގައި ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މީހަކުގައިގާ އަމިއްލައަށް ކުލަ އުނގުޅުމަށް މަޖުބޫރުކޮށް ބޮލަށް ކުލަފާޓާ އަޅާލާ ހެދި އެވެ.
މި މައްސަލައިގައި އެޗްއާރްސީއެމްއިން މިއަދު ބުނެފައިވަނީ، އެމީހާއަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯތައް އާންމު ކުރަމުން ގެންދާތީ އެފަދަ ނާތަހުޒީބު ލާއިންސާނީ އަމަލުތައް ފެންނަ ވީޑިއޯ އާންމު ނުކުރުމަށާއި، އެފަދަ އަމަލުތަކަށް ހިތްވަރު ލިބޭޒާތުގެ ކަންކަން ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި އެފަދަ ދަށު ދަރަޖައިގެ އަމަލުތައް ނުހިންގުމަށް އެޗްއާރްސީއެމްއިން އިލްތިމާސް ކޮށްފައިވެ އެވެ.
”މިފަދަ ހާލަތްތަކުގައި އެ މައްސަލަތައް ހަމަޖެހިފައިވާ އުސޫލްގެ ތެރެއިން، ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން އެދެމެވެ. އަދި މިފަދަ މައްސަލަތައް ކަމާގުޅުންހުރި އިދާރާތަކުން ވެސް ވީހާ އަވަހަށް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ގޮވާލަމެވެ.“ އެޗްއާރްސީއެމްއިން ބުނެފައިވެ އެވެ.
އެޗްއާރްސީއެމްއިން ބުނެފައިވަނީ، އެއްވެސް ފަރުދެއް އަނެކާގެ އިންސާނީ ހައްޤާއި އިންސާނީ ކަރާމާތަށް އަރައިނުގަތުމަށާއި، ޖިނާއީ ނުވަތަ މަދަނީ ނުވަތަ އެނޫންވެސް މައްސަލަތަކުގައި ސުލްހަމަސަލަސްކަން އިސްކުރުމަށާއި، ޤާނޫނީ އިމުގެ ތެރެއިން ހައްލު ހޯދުމަށް އިލްތިމާސް ކުރާ ކަމަށެވެ.