ޝައްމާން ވަކިކޮށް، އިމިގްރޭޝަން ކޮންޓްރޯލަރގެ މަޤާމަށް ފަސީހު

Advertisement

އެންމެ ފަސް

Advertisement

އިމިގްރޭޝަން ކޮންޓްރޯލަރުގެ މަޤާމުގައި ހުންނެވި މުހައްމަދު ޝަމްއާން ވަހީދު އެ މަޤާމުން ވަކިކޮށް، އެ މަގާމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަޙުމަދު ފަސީހު އައްޔަންކޮށްފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި ގޮތުގައި، ފަސީހު އެ މަޤާމަށް އައްޔަންކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގަ އެވެ.

ފަސީހަކީ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ޕޮލިސް ކޮމިޝަނަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި މިދިޔަ އެމްޑީޕީގެ ވެރިކަމުގައި 2022 ވަނަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހު ޕޮލިސް ބޯޑުގެ މެންބަރުކަމަށްވެސް އައްޔަންކުރެވުނެވެ.

ކުއްލި ގޮތަކަށް ސަރުކާރުން ޝައްމާން މަޤާމުން ވަކިކޮށްފައިވަނީ އިމިގްރޭޝަންގެ އޮފިސަރުންތަކެއް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމުގެ މައްސަލައެއްގެ ތުހުމަތުކޮށެވެ. ފުލުހުން ރޭ ނެރުނު ކުރު ބަޔާނެއްގައި ބުނީ އިމިގްރޭޝަންގެ ބައެއް އޮފިސަރުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން މިހާރު ތަހުގީގެއް ފަށާފައިވާ ކަމަށެވެ.

ޝަމްއާނަކީ އިމިގްރޭޝަންގައި 14 އަހަރެއްހާ ދުވަހު މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވަޒީފާއިން ވަކިކުރުމުން، 2022 ވަނަ އަހަރު ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވަނީ އެއީ ޤާނޫނާ ހިލާފަށް ކުރި ކަމެއްކަމަށް ކަނޑައަޅައި، އަލުން ވަޒީފާ ރުޖޫއަކޮށްދިނުމަށް ހުކުމްކޮށްފަ އެވެ.

ސަރުކާރުން ޝަމްއާން އިމިގްރޭޝަން ކޮންޓްރޯލަރުގެ މަޤާމަށް އައްޔަންކޮށްފައިވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 19 ވަނަ ދުވަހު އެވެ. އެހެންކަމުން އޭނާ މި މަޤާމުގައި ހޭދަކުރެއްވީ އެއް އަހަރާ ތިން މަސް ދުވަހެވެ.

އިމިގްރޭޝަން އިމިގްރޭޝަން ކޮންޓްރޯލާ އަޙުމަދު ފަސީހު މުހައްމަދު ޝަމްއާން ވަހީދު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ