ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރިސޯޓުތަކުގެ ތިމާވެށި ރައްކާތެރިކުރުމާއި ދެމެހެއްޓެނިވި ތަރައްގީއާ ގުޅުންހުރި މަޝްރޫޢުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ”ގްރީން ރިސޯޓް ފައިނޭންސިން“ ގެ ނަމުގައި އާ ހިދުމަތެއް ތަޢާރަފުކޮށްފި އެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ އަހަރީ އާންމު ބައްދަލުވުމުގައި ތަޢާރަފުކުރެވުނު މި ހިދުމަތުގެ ދަށުން، ރިސޯޓުތަކަށް 50 މިލިއަން ރުފިޔާއާ ހަމައަށް އޯވަރޑްރާފްޓް ފެސިލިޓީއެއް 6.5 ޕަސެންޓް އިންޓްރެސްޓް ރޭޓެއްގައި ލިބޭނެ އެވެ. އަދި ކާޑު މެޝިނުން ރިސޯޓަށް ލިބޭ ފައިސާއިން ފައިނޭންސް އަނބުރާ ދެއްކުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިފައިވާކަން ބޭންކުން ފާހަގަކޮށްފައިވެ އެވެ.
މި ފައިނޭންސިންގ ފެސިލިޓީގެ ދަށުން ރިސޯޓުތަކަށް ގޮނޑުދޮށް ހިމާޔަތްކުރުމާއި، އެނާޖީ އެފިޝެންޓް އިކުއިޕްމަންޓް ހޯދުމާއި، ރުއްގަސް އިންދުމާއި އަދި ކުނި މެނޭޖުކުރުން ފަދަ ދެމެހެއްޓެނިވި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިނޭންސް ލިބިގެންދާނެ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ކަރީމް ޝަރީފް ވިދާޅުވީ، ”ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ކުރިއަރާފައިވާ ބޭންކުގެ ހައިސިއްޔަތުން، ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ބޭންކިންގ ހިދުމަތްތަކާއި ފައިސާ ބަލައިގަތުމުގެ ޒަމާނީ ހައްލުތައް ހޯދައިދިނުމަށް ބީއެމްއެލް އިން ތައްޔާރަށް ތިބި“ ކަމަށެވެ.
މި އައު ހިދުމަތް ތަޢާރަފުކުރުމާއެކު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ތިމާވެށްޓާ ރައްޓެހި އައު އިންވެސްޓްމަންޓްތަކަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
ބީއެމްއެލް ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް