ޤައުމީ އެއާލައިން، މޯލްޑިވިއަން އަށް އަލަށް ގެންނަ ވައިޑްބޮޑީ މަތިންދާބޯޓުން ކޮންމެ ދަތުރަކު 10 ޓަނުގެ މުދާ އުފުލޭނެ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
ޓެލެވިޝަން މޯލްޑިވްސް (ޓީވީއެމް) ގެ ”ހެނދުނު ހެނދުނާ“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަލީ ސަލީމް ވިދާޅުވީ، މި އައު ވައިޑްބޮޑީ މަތިންދާބޯޓު ރާއްޖެ ގެނެވޭނީ ކުރިއަށް އޮތް މަހުގެ 7 ވަނަ ދުވަހު ކަމަށެވެ. އަދި މި މަހުގެ 17 ވަނަ ދުވަހު އެ މަތިންދާބޯޓުގެ އުދުހުންތައް ފެށުމަށް ބޭނުންވާ ތައްޔާރީތައް މިހާރު ވެސް ދަނީ ކުރެވެމުން ކަމަށް އޭނާ ވިދާޅުވި އެވެ.
މޯލްޑިވިއަން އިން ވަނީ ޖެނުއަރީ 2025 އިން ފެށިގެން މާލެ އިން ބެއިޖިން، ޝަންހާއީ، އަދި ޗެންގްޑޫ އަށް ސީދާ ދަތުރުތައް ފަށާނެ ކަމަށް އިއުލާންކޮށްފަ އެވެ. 13،000 ކިލޯމީޓަރަށް ދަތުރުކުރެވޭނެ ކެޕޭސިޓީއެއް ލިބިފައިވާ އޭ 330-200 އަކީ އެ އެއާލައިންގެ އޮޕަރޭޝަންތަކަށް ބޮޑު ކުރިއެރުމެކެވެ.
މި މަތިންދާ ބޯޓުުގެ ބިޒްނަސް ކްލާހުގައި 18، ޕްރީމިއަމް އިކޮނޮމީގައި 36، އަދި އިކޮނޮމީ ކްލާހުގައި 210 ގޮނޑި ހުންނާނެ އެވެ. މި ވައިޑް ބޮޑީ މަތިންދާބޯޓާއެކު ފުރަތަމަ ދަތުރުތައް ޗައިނާގެ ބޮޑެތި ސިޓީތަކަށް ކުރުމަށް ހަމަޖެހިފައިވާއިރު، މިއީ ދެ ގައުމުގެ މެދުގައި ފަތުރުވެރިކަން އިތުރުކޮށް ފަތުރުވެރިކަން ކުރިއެރުވުމަށް އެ އެއާލައިނުން ކުރާ މަސައްކަތެވެ.