ރާއްޖެއަށް މެޑިކަލް ޓޫރިޒަމް ތަޢާރަފުކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި އޭޑީކޭ ހޮސްޕިޓަލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީއާއި އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލެވެ.
އެއްބަސްވުމުގައި ސޮއިކުރުމާ ގުޅޭގޮތުން އޭޑީކޭ އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި އެއްބަސްވުމުގެ ސަބަބުން މެޑިކަލް ޓޫރިޒަމްގެ އިތުރުން ރާއްޖޭގެ އިޤްތިޞާދު އިތުރަށް ކުރިއެރުމަށްވެސް ރަނގަޅު އަސަރުކުރާނެ ކަމަށެވެ. އަދި އެމްއެމްޕީއާރުސީން ބުނެފައިވަނީ މިއީ ރާއްޖޭގެ މެޑިކަލް ޓޫރިޒަމްގެ ފުރުޞަތުތައް ދުނިޔޭގެ އެހެން ޤައުމުތަކަށް ދައްކާލުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ސިންދަފާތުކޮށް މެޑިކަލް ޓޫރިޒަމްއާއި ސްޕޯޓްސް ޓޫރިޒަމް ފަދަ ތަފާތު ވައްތަރުގެ ފަތުރުވެރިކަން ތަޢާރަފް ކުރުމަކީ އަދުގެ ސަރުކާރުގެ އަމާޒެކެވެ. މިގޮތުން އެކި ވައްތަރުގެ ޓޫރިޒަމް ރާއްޖެއަށް ތަޢާރަފް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އާއި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިޞަލް ވަނީ ބޭރުގެ އެކި ފަރާތްތަކާއެކު މަޝްވަރާވެސް ކުރައްވާފައެވެ.
މި އެއްބަސްވުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އައު ބާވަތެއްގެ ފަތުރުވެރިން ޒިޔާރަތްކުރުމުގެ މަގު ތަނަވަސްވެގެންދާނެ ކަމެކެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ ޞިއްޙީ ދާއިރާއަށްވެސް ކުރިއެރުން ލިބި، ބޭރުގެ ފަރާތްތަކުން ރާއްޖެއަށް އިތުރު އިންވެސްޓްމަންޓްތައް ގެނައުމަށް މަގުފަހިވެގެންދާނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރީގެ ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް އެމްއެމްޕީއާރްސީގެ އެމްޑީ ޝިއުރީ އިބްރާހިމް އޭޑީކޭ ހޮސްޕިޓަލް މިނިސްޓްރީ އޮފް ޓޫރިޒަމް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)