ބޭނުންވަނީ ސަރުކާރުން ގެންގުޅޭ ކޮންޓްރޯލް މަސްވެރިިިންގެ އަތްމައްޗަށް ދޫކޮށްލަން: ރައީސް

Advertisement

Advertisement

އެންމެ ފަސް

Advertisement

މަސްވެރިކަމުގެ ދާއިރާގައި ސަރުކާރުން ގެންގުޅޭ ކޮންޓްރޯލް މަސްވެރިންގެ އަތްމައްޗަށް ދޫކޮށްލަން ބޭނުންވެވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އއ. ރަސްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، ވިދާޅުވީ މަސްވެރިކަމުގެ ދާއިރާއަކީ ޤައުމުގެ އިޤްތިޞާދު ފުޅާކުރުމުގައި އެންމެ މުހިންމު އެއް ދާއިރާ ކަމަށާއި، އެ ދާއިރާއަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށެވެ. އަދި ރަސްދޫގައި މިހާރު 12-13 އުޅަނދު އޮތް ކަމަށާއި، އެ ރަށުގެ މަސްވެރިކަން އިތުރަށް ފުޅާވެ، އިތުރު އުޅަނދުފަހަރު ބަންނަން ފެށުމަކީ އެމަނިކުފާނުގެ އެދުމެއް ކަމުގައިވެސް ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސްޕްލާންޓްތައް ޤާއިމުކުރުމާއި އިތުރުކުރުމަކީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނިފައިވާ ކަމެއް ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. މިގޮތުން، އަންނަ އަހަރުގެ ތެރޭގައި ސަޢޫދީ އަރަބިއްޔާ އަދި އެހެނިހެން ޤައުމުތަކުގެ މަލްޓިލެޓަރަލް އެޖެންސީތަކުގެ ފަންޑުތަކާއި ސަރުކާރުގެ ބަޖެޓުގެ ތެރެއިން އެކި ރަށްރަށުގައި އައިސްޕްލާންޓްތައް ޤާއިމުކޮށް، ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ވިދާޅުވި އެވެ.

އާންމު މަސްވެރިންނާއި ކެޔޮޅުންނަށް އަމިއްލައަށް އާރް.އެސް.ޑަބްލިއު ފެސިލިޓީ ޤާއިމުކޮށް، މަސް ރައްކާތެރިކަމާއެކު ގެންގުޅެވޭނެ ކެޕޭސިޓީ ޤާއިމުކޮށްދިނުމަށް މިހާރު ލޯނު ދޫކުރަން ފަށާފައިވާ ކަމަށާއި، ގިނަ މަސްވެރިން މިހާރުވެސް މީގެ ފައިދާ ހޯދަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

”އަޅުގަނޑުމެން ބޭނުންވަނީ ސަރުކާރުން ހުރިހާ ކަމެއް ނުގެންގުޅެ، ސަރުކާރުން ހުރިހާ ކަމެއްގެ ކޮންޓްރޯލް ނުގެންގުޅޭ، އާންމު މަސްވެރިންނަށް، ވިޔަފާރިވެރިންނަށް އެ ފުރުޞަތު ދޭން. ސަރުކާރުގެ މި އޮންނަ ކޮންޓްރޯލް، އެ ބާރު ދޫކޮށްލަން މަސްވެރިންގެ އަތްމައްޗަށް,“ ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ދޯނިތަކުގައި އާރް.އެސް.ޑަބްލިއު ޕްލާންޓް ޤާއިމުކުރުމުގެ ފުރުޞަތު ދިނުމަށް ނިންމާފައިވާ ކަމަށާއި، ރަސްދޫގެ މަސްވެރިންނަށްވެސް އަމިއްލައަށް މި ކެޕޭސިޓީ ޤާއިމުކުރުމަށް ލުއި ލޯނުގެ އެހީތެރިކަން ލިބޭނެ ކަމަށެވެ. އަދި މި މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އަންނަ އަހަރު ރަށްރަށުގައި ހުންނަ އައިސްޕްލާންޓްތައް ޤާއިމުކުރެވި، ކައުންސިލްތަކުން ބޭނުންވާނަމަ އެ ޕްލާންޓްތައް ހިންގުމުގެ ޒިންމާ ކައުންސިލްތަކާ ހަވާލުކުރުމަށްވެސް ސަރުކާރުން ގަސްދުރުން ގަސްދުކުރާ ކަމަށެވެ. މިއީ އެ ރަށެއްގެ ހާލަތަށް ބަލައި، އެ ރަށަކުން ނިންމާނެ ކަމެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.

”އަޅުގަނޑުމެން ބޭނުންވަނީ ވީހާވެސް ރައްޔިތުންނާ ގާތުން، ވީހާވެސް މަސްވެރިންނާ ގާތުން މަސްވެރިކަމުގެ ސިނާޢަތް ފުޅާކުރަން,“ ރައީސް ވިދާޅުވި އެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، މަސްވެރިކަމަށް ދޭ އިސްކަން އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ފެނިގެންދާނެ ކަމަށެވެ. ނަމަވެސް، މި ނިމިގެންދާ އަހަރު ސަރުކާރުން ބޭނުންވި ގޮތަށް ކަންތައްތައް ނުކުރެވި އޮތީ ބަޖެޓުގެ ސަބަބުން ކަމަށާއި، ރާއްޖެ ބަނގުރޫޓުވުމުގެ ހާލަތަށް ގޮސްފައިވާ އިޤްތިޞާދު ސަލާމަތްކުރުމަށް މަސައްކަތްކުރަން ޖެހުނު ކަމަށްވެސް ރައީސް ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އއ. ރަސްދޫ މަސްވެރިންގެ ދުވަސް މަސްވެރިކަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ