އުމުރުން ދުވަސްވީ މީހުންނަށް ލިބޭ ޕެންޝަން ތަނަވަސް މީހުންނަށް ނުލިބޭ ގޮތަށް ހަދަން ސަރުކާރުން ނިންމައިފި އެވެ.
މި މަޢުލޫމާތު ހާމަކޮށްފައިވަނީ ފިނޭންސް މިނިސްޓްރީން މިއަދު އާންމުކުރި ދައުލަތުގެ ބަޖެޓް ޕޮޒިޝަން 2025 ރިޕޯޓުގައެވެ.
ރިޕޯޓުގައިވާ ގޮތުން، 2025 ވަނަ އަހަރުގެ ބަޖެޓުގެ ރިކަރަންޓް ޚަރަދުގެ 5.0 އިންސައްތައަކީ ޕެންޝަނަށް ކުރާ ޚަރަދެވެ. މީގެ ތެރެއިން ގާތްގަނޑަކަށް ތިން ބައިކުޅަ ދެބައި ހިއްސާކުރަނީ އަސާސީ ޕެންޝަން ނުވަތަ 65 އަހަރުން މަތީ ފަރާތްތަކަށް ސަރުކާރުން ދޭ ޕެންޝަނަށެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މިއަހަރު ތެރޭގައި ޕެންޝަނަށް ކުރާ ޚަރަދުތައް އިތުރުވެފައިވަނީ މައިގަނޑު ދެ ސަބަބަކާ ހުރެއެވެ. އެއީ އުމުރުން ދުވަސްވީ މީހުންގެ އަދަދު އިތުރުވުމާއި، ސަރުކާރުގެ މުވައްޒަފުންގެ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ތެރެއިން ގިނަ މުވައްޒަފުންގެ އަސާސީ މުސާރަ ބޮޑުވެފައިވުމެވެ.
2025 ވަނަ އަހަރު ޕެންޝަނަށް ހިނގާނެ ކަމަށް ލަފާކުރާ 1824.5 މިލިއަން ރުފިޔާއަކީ މިއަހަރު މި ބަޔަށް ހިނގާނެ ކަމަށް މިހާރު އަންދާޒާކުރާ ޚަރަދަށްވުރެ ދަށް މިންވަރެކެވެ. މި ދަށްވުމުގެ މައިގަނޑު ސަބަބަކީ ޕެންޝަންގެ ނިޒާމަށް ގެންނަން ނިންމާފައިވާ ބަދަލެވެ.
މި ބަދަލުގެ ދަށުން، މިހާރު ޕެންޝަން ލިބޭ ފަރާތްތަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. ނަމަވެސް، 65 އަހަރުވެފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަދުން އާމްދަނީ ލިބޭ ފަރާތްތަކަށް އަމާޒުކޮށް އަސާސީ ޕެންޝަން ލިބޭ ގޮތަށް ޕެންޝަންގެ ނިޒާމު އިޞްލާޙު ކުރުމަށް ވަނީ ނިންމާފައެވެ. މި ބަދަލު ތަންފީޒުކުރެވޭނީ އަލަށް ޕެންޝަން ލިބޭ ފަރާތްތަކަށެވެ.
މި ބަދަލާއެކު، އުމުރުން ދުވަސްވީ ތަނަވަސް މީހުންނަށް ޕެންޝަން ނުލިބޭ ގޮތަށް ހަމަޖެހިގެންދާނެއެވެ. މިއީ ދައުލަތުގެ ޚަރަދު ކުޑަކުރުމަށާއި، އެހީތެރިކަން އެންމެ ބޭނުންވާ ފަރާތްތަކަށް އަމާޒުކުރުމަށް އަޅާ ފިޔަވަޅެއް ކަމަށް ބެލެވެއެވެ.
ރައްޔިތުންގެ މަޖިލިސް މިނިސްޓްރީ އޮފް ފިނޭންސް ދައުލަތުގެ ބަޖެޓް