ކުރީގެ މަޖިލިސް މެންބަރު އަލީ ހަމީދުގެ ކުންފުންޏެއްގެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ.
މި މައްސަލައަކީ އިސްދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހަމީދުގެ ނޯތު ކޯސްޓް ކޮންސްޓްރަކްޝަންއަށް އާސަންދައިގެ އާ އިމާރާތް އެޅުމަށް ދީފައިވާ 44 މިލިއަން ރުފިޔާގެ މައްސަލަ އެކެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ. ނާޒިމްގެ ހުށަހެޅުމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާނާއި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވަނީ ތާއީދުކޮށްފަ އެވެ.
އާސަންދައިގެ އާ އިމާރާތުގެ މަސައްކަތް ކުރުމަށް އަލީ ހަމީދުގެ ނޯތު ކޯސްޓް ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ 147 މިލިއަން ރުފިޔާ އަށެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް 2023 ވަނަ އަހަރު އެޑްވާންސް ފައިސާގެ ގޮތުގައި ދެ ފަހަރެއްގެ މަތިން ޖުމުލަ 44 މިލިއަން ރުފިޔާ ވަނީ އެ ކުންފުންޏަށް ދީފަ އެވެ. 44 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިން ނަމަވެސް އަދިވެސް އެ އިމާރާތުގެ މަސައްކަތް ފަށާފައި ނުވާކަން މެންބަރުން ވަނީ ފާހަގަކުރައްވާފަ އެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް ކޮމިޓީން ފާސްވީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި ހަތް މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
ނޯތު ކޯސްޓް ކޮންސްޓްރަކްޝަންއަށް އާސަންދައިގެ އާ އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 2016 ވަނަ އަހަރު އާސަންދައިގެ ހޮސްޕިޓަލެއް އެޅުމަށް އެ ކުންފުންޏާ ހަވާލު ކުރުމަށް ފަހު އެ އެއްބަސްވުން އުވާލުމުން އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގަ އެވެ. ހޮސްޕިޓަލް އެޅުމަށް 61 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގައި ސޮއި ކުރި ނަމަވެސް އޭރު އާސަންދައިގެ މާލީ ހާލަތު ހުރި ގޮތުން އެ މަސައްކަތް ކުރިއަށް ނުގެންދެވި ވަނީ މަޑު ޖައްސާލާފަ އެވެ. އާސަންދައިގެ އާ އިމާރާތުގެ މަސައްކަތް ނޯތު ކޯސްޓް ކޮންސްޓްރަކްޝަނާ ހަވާލު ކުރީ ނިމިދިޔަ ސަރުކާރުގައި ބަދަލު ދިނުމަށް އެކުލަވާލި ކޮމިޓީއަށް އާސަންދަ ހޮސްޕިޓަލުގެ މައްސަލަ ހުށަހެޅުމުންނެވެ.
ރައްޔިތުންގެ މަޖިލިސް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް އަހުމަދު އަޒާން އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އާސަންދަ މާލިއްޔަތު ކޮމެޓީ ދިވެހި ފުލުހުންގެ ޚިދުމަތް