ކަންކަން އިސްލާހު ވާނީ ރައީސުލްޖުމްހޫރިއްޔާއަށް ބާރުތައް ދީގެން ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ބަހުސް ކުރިއަށް ގެންގޮސްފަ އެވެ.
މިބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު ސަލީމް ވިދާޅުވީ މިހާރުވެސް މިނިވަން މުއައްސަސާތަކާއި އެހެންވެސް ތަންތަނަށް ބޭފުޅުން އައްޔަނު ކުރުމަށް ނަންތައް މަޖިލީހަށް ފޮނުއްވަނީ ރައިސުލްޖުމްހޫރިއްޔާ ކަމަށެވެ. އަދި އެ ނަންތައް މަޖިލީހަށް އައުމުން ނަގާނެ މީހަކު ފާސްކުރަނީ މަޖިލީހުން ކަމަށާއި އަދި އެ ފާސްކުރާ މީހަކު މަގާމަށް ނަގާ ކަމަށެވެ.
ސަލީމް ވިދާޅުވީ މިހާރު ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހާމެދު އެމްޑީޕީގެ މެންބަރުން ކަންބޮޑުވާންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ.
މީގެއިތުރުން ސަލީމް ވަނީ ޤާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަން މިހާރު އޮތް މިނިވަން މުއައްސަސާތަަކަށް އިސްލާހު ކުރެވުނީ ކޮން ކަމެއްތޯ ސުވާލު އުފައްދަވާފަ އެވެ. އަދި ކަންކަން އިސްލާހު ވާނީ ރައީސްއަށް ބާރުތައް ދީގެން ކަމަށްވެސް ސަލީމް ވިދާޅުވި އެވެ.
”އަޅުގަނޑުމެން އެބަޖެހޭތާ އިތުރު ބާރުތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ދީގެން ނަމަވެސް، މިގައުމުގަ ހިނގާ ކޮރަޕްޝަނާއި ފަސާދައާ ކަންކަން ހުއްޓުވުމަށްޓަކައި، ބޭނުންކުރެވެން ހުރި ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާ އެބަޖެހޭ ބޭނުންފުޅު ކުރައްވަން،“
ސަލީމް ވިދާޅުވީ ބާރުގެ ބޭނުންކޮށްގެން ގައުމުގައި ހިނގާ ކަންކަން ހުއްޓުވުމަކީ ރައީސްގެ ޒިންމާއެއްކަމަށެވެ. އަދި ރައީސްއަށް ބާރުތައް ނުދޭންވީ ކީއްވެތޯ ސުވާލު އުފައްދަވާފަ އެވެ. ރައީސްއަށް ބާރުތަށް ނުދީ ކަންކަން އިސްލާހު ނުވާނެކަން ފާއިތުވިތަނުގައި ކަން ވެފައިއޮތްގޮތުން އެނގޭ ކަމަށާއި އެއްވެސް މިނިވަން މުއައްސަސާއެއް ރަނގަޅަށް ނުހިނގާކަމަށް ސަލީމް ވިދާޅުވި އެވެ.
މިބަދަލަކީ ކޮންމެހެން ގެންނަޖެހޭ ބަދަލެއްކަން އެމްޑީޕީގެ މެންބަރުންނަށްވެސް އެނގޭނެ ކަމަށާއި އެހެންނަމަވެސް ރައްޔިތުންނަށް އޮޅުވާލަންވެގެން ކޮންމެވެސް އެއްޗެއް ކިޔަނީ ކަމަށް ސަލީމް ވިދާޅުވި އެވެ.