އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކުގެ ހެވީ ލޯޑް ކުންފުނީގެ ތިން ރިސޯޓެއް ވިއްކާލަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނީލަމަށް ލައިފިކަން އިއުލާންކޮށްފި އެވެ.
ބީއެމްއެލް އިން ކުރި އިއުލާނުގައި ވަނީ ހެވީ ލޯޑް ކުންފުނިން ނެގި ލޯންތައް ނުދެއްކުމުގެ ސަބަބުން ރީކޯ މޫސަގެ ތިން ރިޒޯޓެއް ނީލަމަށް ލާން އިިއުލާންކުރި ކަމަށް ބުނެފަ އެވެ.
ބީއެމްއެލްއިން ކުރި އިއުލާނުގައިވާގޮތުން ވިއްކާލަނީ ޓޫރިސްޓް ރިސޯޓުގެ ގޮތުގައި ހިންގާ ފަރެސް އައިލެންޑް، ކުޑަ ފަރެސް އައިލެންޑް އަދި ބޮޑު ހުރާ އައިލެންޑެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ދެ ގޮތަކަށް ބިޑް ހުށަހެޅުމަށް ބީއެމްއެލްއިން ފުރުސަތު ދީފައި ވެއެވެ.
ފަރެސް އައިލެންޑް، ކުޑަ ފަރެސް އައިލެންޑް އަދި ބޮޑުހުރާ އައިލެންޑް އެންމެ ކުޑަމިނުން ވިއްކާ އަގަކަށް 23،262،000 ޑޮލަރު ބީއެމްްއެލް އިން ކަނޑައަޅާފައި ވެއެވެ. އަދި ހ. ފަރެސް އައިލެންޑާއި ކުޑަ ފަރެސް އައިލެންޑް އެއްކޮށް ވިއްކާ އަގަކަށް 23,262,000 ޑޮލަރު ކަނޑައަޅާފައިވާ ކަމަށް އިއުލާނުގައި ވެއެވެ. ށ. ބޮޑު ހުރާ އައިލެންޑް ވަކިން ވިއްކާ އަގަކަށް 23،262،000 ޑޮލަރު ހަމަޖައްސާފައި ވެއެވެ.
ށ. ބޮޑުހުރާ އަކީ އަދި މަސައްކަތް ނުނިމި އޮތް ރިސޯޓެކެވެ. އަނެއް ދެ ރަށަކީ ގުޅުވާލައިގެން އެއް ރިޒޯޓެއްގެ ގޮތުގައި މިހާރުވެސް އޮޕަރޭޓް ކުރަމުންދާ ދެ ރިޒޯޓެވެ.
ބީއެމްއެލްގެ އިއުލާނުގައިވާގޮތުން ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ 28 ނޮވެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އެވެ.