5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅައިފި

Advertisement

އެންމެ ފަސް

Advertisement

ދައުލަތުގެ މިއަހަރުގެ ބަޖެޓަށް 5.1 ބިލިއަން ރުފިޔާ އިތުރުކުރުމަށް ސަޕްލިމެންޓަރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

މި ބަޖެޓް ހުށަހެޅުއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.

މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، މިހާރު ޢަމަލުކުރަމުންދާ ބަޖެޓަކީ މިދިޔަ ސަރުކާރުން އިންތިޤާލީ މަރުޙަލާގައި ފާސްކުރި ބަޖެޓެއް ކަމަށެވެ. އަދި ޤާނޫނުގައިވާ ގޮތުގެ މަތިން، މިއަހަރަށް ލަފާކުރި ބަޖެޓް ޚަރަދުކޮށް ނިމުމުގެ ކުރިން ސަޕްލިމެންޓަރީ ބަޖެޓް ހުށަހަޅަނީ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިނިސްޓަރު ޒަމީރު ހާމަކުރެއްވި ގޮތުގައި، ސެޕްޓެމްބަރުގެ ނިޔަލަށް ޚަރަދުކުރެވިފައިވަނީ 38 ބިލިއަން ރުފިޔާ އެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުން މިހާރުގެ ބަޖެޓުގައި ނެތުމަކީ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން ޖެހުނު މައިގަނޑު ސަބަބު ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ސަޕްލިމެންޓަރީ ބަޖެޓުގެ އެންމެ ބޮޑު ބައެއް ކަނޑައަޅާފައިވަނީ ޕީ.އެސް.އައި.ޕީ ނުވަތަ ތަރައްޤީގެ މަޝްރޫޢުތަކަށެވެ. މިގޮތުން 2 ބިލިއަން ރުފިޔާ ވަނީ މި ބަޔަށް ކަނޑައަޅާފައެވެ. މީގެ އިތުރުން،

  • ސަރުކާރު ކުންފުނިތަކަށް 441.1 މިލިއަން ރުފިޔާ،
  • ކޮންޓިންޖެންސީ ބަޖެޓަށް 650 މިލިއަން ރުފިޔާ،
  • ސްޓޫޑެންޓް ލޯނަށް 458 މިލިއަން ރުފިޔާ،
  • މެޑިކަލް ކޮންސިއުމަބަލްސްއަށް 200 މިލިއަން ރުފިޔާ،
  • ބޭސްފަރުވާގެ އެހީއަށް 262.6 މިލިއަން ރުފިޔާ،
  • ސަބްސިޑީއަށް 1.02 ބިލިއަން ރުފިޔާ،
  • މުސާރައާއި އުޖޫރައަށް 24.4 މިލިއަން ރުފިޔާ.

މިނިސްޓަރު ޒަމީރު އިތުރަށް ވިދާޅުވި ގޮތުގައި، ޕީ.އެސް.އައި.ޕީއަށް މިހާ ބޮޑު އަދަދެއް ކަނޑައަޅަން ޖެހުނީ، ބައެއް މަޝްރޫޢުތަކަށް ބަޖެޓުގައި ކަނޑައެޅި އަދަދަށްވުރެ އިތުރަށް ޚަރަދުކުރަން ޖެހުމުން ނެވެ. އަދި މިއަހަރުގެ ބަޖެޓް ތައްޔާރުކުރިއިރު، ގިނަ މަޝްރޫޢުތަކަށް ރިއަލިސްޓިކް އަދަދަށްވުރެ ކުޑަކޮށް ޖަހާފައި ހުރި ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ސަޕްލިމެންޓްރީ ބަޖެޓުގައިވާ ގޮތުން، މި އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި އިތުރަށް 640.1 މިލިއަން ރުފިޔާ ލިބޭނެއެވެ. މީގެ ތެރޭގައި ހިމެނެނީ:

  • ޓެކްސް ނިޒާމަށާއި ޑިއުޓީއަށް ގެންނަ ބަދަލުތަކުން 61.6 މިލިއަން ރުފިޔާ
  • އެނިހެން އާމްދަނީގެ ގޮތުގައި 379.2 މިލިއަން ރުފިޔާ
  • ހިލޭ އެހީގެ ގޮތުގައި 199.3 މިލިއަން ރުފިޔާ

2024 ވަނަ އަހަރުގެ ބަޖެޓް ފާސްކުރިއިރު، އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 33.5 ބިލިއަން ރުފިޔާއެވެ. ނަމަވެސް މިހާރު އިތުރުކުރެވޭ 640.1 މިލިއަން ރުފިޔާއާއެކު، މި އަހަރުގެ ޖުމްލަ އާމްދަނީ 34.2 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.

މިނިސްޓަރު ޒަމީރު އިތުރަށް ވިދާޅުވި ގޮތުގައި، މިދިޔަ މަހާ ހަމައަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 26.9 ބިލިއަން ރުފިޔާ އެވެ.

ސަޕްލިމެންޓްރީ ބަޖެޓާއެކު މި އަހަރުގެ ބަޖެޓު ޑެފިސިޓް 18 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބެލެވެ އެވެ. މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 16 އިންސައްތަ އެވެ. އަދި އަހަރު ނިމޭއިރު ދަރަނި ހުންނާނީ އުފެއްދުންތެރިކަމުގެ ނިސްބަތުން 118 އިންސައްތައިގައި ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މި އަހަރަށް ފާސްކޮށްފައިވަނީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް މިހާރު ހުށަހެޅުނު ސަޕްލިމެންޓްރީ ބަޖެޓާއެކު، ބަޖެޓްގެ ޖުމްލަ ޚަރަދު 55 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.

ރައްޔިތުންގެ މަޖިލިސް މިނިސްޓްރީ އޮފް ފިނޭންސް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ދައުލަތުގެ ބަޖެޓް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ