ޕެނަމާގެ ބޯޓެއް ބުރާސްފަތި ދުވަހު ރާއްޖޭގެ އިކޮނޮމިކް ގޭޓްވޭ (އިހަވަންދިއްޕޮޅު) ގައި ބަނދަރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.
އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީހް އިބްރާހިމް މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ ތެލުގެ އުފެއްދުންތަކުގެ ޓޭންކަރެއް ބުރާސްފަތި ދުވަހު އިހަވަންދިއްޕޮޅަށް އަންނާނެ ކަމަށެވެ. ފެން ބަންކަރު ކުރުމުގެ އިތުރުން އިތުރު ހިދުމަތްތަކަށް ވެސް އެ ބޯޓުން އެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕެނަމާގެ މި ބޯޓުން އެދޭ ހިދުމަތްތަކަކީ؛
- ޕައިލަޓޭޖްގެ ހިދުމަތްތައް
- ސާފު ބޯފެން ފޯރުކޮށްދިނުން
- ކާބޯތަކެތި ފޯރުކޮށްދިނުން
- ސްޕެއާ ޕާޓްސް ސަޕްލައިކުރުން
އޭގެއިތުރުން ފަޅުވެރިން ބަދަލުކުރުމުގެ ހިދުމަތަށްވެސް މި ބޯޓުން އެދިފައިވެއެވެ. އެގޮތުން ރާއްޖެއިން ބޭރުން އަންނަ ހަ ފަޅުވެރިއެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހއ. އަތޮޅަށް ގެންގޮސް ބޯޓަށް އަރުވައި ދިނުމާއި ބޯޓުގައި ތިބި ނުވަ ފަޅުވެރިއެއް ބޯޓުން ބާލައިގެން ގެންގޮސް ވެލާނާ އެއާޕޯޓުން ރާއްޖެ އިން ބޭރަށް ފުރުވާލުމަށް އެދިފައިވާކަމަށް ވަޖީހު ވިދާޅުވި އެވެ. އަދި އެ އަދަދު 15 ފަޅުވެރިންނަށް އިތުރުވެދާނެކަމަށްވެސް ބޯޓުން މައުލޫމާތުދީފަައިވާ ކަމަށް ވަޖީހު ވިދާޅުވި އެވެ.
ވަޖީހު ވިދާޅުވީ އެމްޕީއެލްގެ އިތުރުން އަމިއްލަ ވިޔަފާރިތަކުންވެސް މި ބޯޓުން އެދިފައިވާ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާނެ ކަމަށެވެ.
”މި ބޯޓުގެ ޝެޑިއުލް ހަމަޖެހިފައިވާ ގޮތުން ބޯޓުގެ ބައެއް ކަހަލަ މެއިންޓެނަންސް މަސައްކަތްތައް ކުރަން ޖެހޭތީ، ލަފާކުރެވޭ ގޮތުން ފަސް ވަރަކަށް ދުވަހު މި ބޯޓު އިހަވަންދިއްޕޮޅުގައި މަޑުކުރަން ޖެހިދާނެ. މިހެން ދިމާ ވެއްޖެ ނަމަ، އެ ސަރަހައްދުގެ ރައްޔިތުންނަށް ވިޔަފާރީގެ އިތުރު ފުރުސަތުތައް ހުޅުވިގެން ދާނެ.“ ވަޖީހު ވިދާޅުވި އެވެ.
މިއީ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ބަންކަރިން ލޯންޗުކުރި ފަހުން ބަންކަރިންގެ ހިދުމަތް ހޯދާ ދެވަނަ ބޯޓެވެ.
ބަންކަރިންގ ހިދުމަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)