ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރާއްޖެވަޑައިގެންފި އެވެ.
މި ދަތުރުފުޅަކީ ”2024 އިންޓަރީޖަނަލް ސެމިނާ އޮން ދަ އެޗީވްމެންޓް އޮފް ދަ އެސްޑީޖީސް ފޯ ޕާލަމެންޓްސް އޮފް ޑެވެލޮޕިން ކަންޓްރީސް“ ގައި ބައިވެރިވެ ވަޑައިގަތުމަށް އަބްދުއްރަހީމް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އަބްދުއްރަހީމްގެ އަރިހުގައި މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް އާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުގެ އިތުރުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ބައިވެރިވެ ވަޑައިގެންނެވި އެވެ.
ޗައިނާގެ ބެއިޖިންގައި ކުރިއަށް ދިޔަ މި ސެމިނާ އަކީ އިންޓަ ޕާލިމެންޓްރީ ޔޫނިއަން (އައިޕީޔޫ) އާއި ނެޝަނަލް ޕީޕަލްސް ކޮންގްރެސް އޮފް ޗައިނާ ގުޅިގެން ކުރިއަށް ގެންދިޔަ ސެމިނާ އެކެވެ. އެގޮތުން ތަރައްގީވަމުން އަންނަ ގައުމުތަކަށް ހާއްސަކޮށްގެން ބާއްވާ މި ސެމިނާގައި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކަށް ވާސިލްވުމަށް ގައުމުތަކުގެ މެދުގައި މަޝްވަރާކޮށްފައިވެ އެވެ.
މި ސެމިނާގައި ޗައިނާއިން އައިޕީޔޫއާ ގުޅުނުތާ 40 އަހަރު ފުރުން ފާހަގަކޮށްފައިވެސްވެ އެވެ.
މި ސެމިނާގައި ތަގުރީރު ކުރައްވަމުން އަބްދުއްރަހީމް ވަނީ ހުރިހާ ފަރާތްތަކެއް ހިމެނޭ އިގްތިސޯދީ ގޮތުން ބަވަނަވެފައިވާ ދުނިޔެއަކަށް ވާސިލުވުމަށްޓަކައި ތަރައްގީގެ ސްޓްރެޓެޖީތައް އެކުލަވާލުމާބެހޭ ގޮތުން އަލިއަޅުއްވާލައްވާ، ކޮންމެ ގައުމަކުންވެސް އެ ގައުމެއްގެ ވަކި ހާއްސަ ހާލަތްތަކަށާއި ވަސީލަތްތަކަށް ރިއާޔަތްކުރަންޖެހޭކަން ދެނެގަތުމަކީ ވަރަށް މުހިންމު ކަމެއް ވިދާޅުވެފަ އެވެ. މި ބަވަނަވެފައިވާ ދުނިޔޭގައި ކުޑަ ޖަޒީރާ ގައުމެއްގެ ގޮތުގައި އޮތް ދިވެހިރާއްޖެއަށްވެސް ވަކި ހާއްސަ ގޮންޖެހުންތަކަކާއި ފުރުސަތުތަކެއް އެބަހުރި ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދީ ތަރައްގީގެ ސްޓްރެޓެޖީތައް ވަނީ ރާއްޖޭގެ ޑިމޮކްރެޓިކް އޮނިގަނޑާއި ތިމާވެށީގެ ދެމެހެއްޓެނިވިކަމާ ވަރަށް ގާތުން ގުޅިފައިކަން ފާހަގަކުރައްވަމުން، މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި މިދިޔަ މެއި މަހު އެންޓިގުއާ އެންޑް ބާބިއުޑާގައި ބޭއްވުނު ސިޑްސްގެ 4 ވަނަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅަށް ޙަވާލާދެއްވައި، ދެމެހެއްޓެނިވިކަމަކީ ދިވެހިންގެ އަސާސްކަމާއި، ވިލުންތެރިކަމަކީ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި ކަމަށް ވިދާޅުވި އެވެ.