މަސައްކަތްތެރިންނާއި ފަންނުވެރިންގެ ހައްގުތައް ކަށަވަރު ކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ފަށައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ހުށަހެޅުއްވި މި ބިލުގެ ބަހުސް ފަށާފައިވާއިރު މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ މިމަހުގެ 2 ވަނަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 10 ވަނަ ޖަލްސާގަ އެވެ.
ސައުދާ ހުށަހެޅިއްވި މި ބިލުގެ ބަހުސްގައި އޭނާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނު ފުރިހަމަ ކުރެއްވުމަށް ރައީސް ޑރ. މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް ގާނޫނަށް އިސްލާހު ގެނައުމުގެ ބޭނުމުގައި މި ބިލު އެކުލަވާލުމުގެ މަސައްކަތް ފެއްޓެވިކަން ފާހަގަ ކުރައްވާފަ އެވެ.
ރާއްޖޭގައި 2011 ވަނަ އަހަރުން ފެށިގެން ކޮޕީރައިޓާ އެއާ ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނެއް ވުޖޫދުވެފައިވާކަން ފާހަގަ ކުރައްވަމުން ސައުދާ ވިދާޅުވީ އެ ގާނޫނު ހެދިފައިވަނީ އޭރު ފެންނަން ހުރި ކަންކަމާއި ކުރެވިފައިވާ ތަޖުރިބާތަކާއި އޭރު ވުޖޫދުގައިވާ ކަންކަމަށް ބަލައިގެން އޭރުގެ ހާލަތަށް ރިއާޔަތް ކުރެވިގެން ކަމަށެވެ. ނަމަވެސް މި ގާނޫނުން އިލްމީ އަދި ފަންނީ އުފެއްދުންތައް އުފައްދާ ފަރާތްތަކާއި މިފަދަ ފަރާތްތަކުން އުފައްދާ އުފެއްދުންތަކަށް ލިބިދޭންޖެހޭ ހަގީގީ ރައްކާތެރިކަމާއި ލިބިދޭންޖެހޭ ނަފާއާއި މަންފާ ލިބުމުގެ ގާނޫނީ ބާރު ނެތްކަމަށް ސައުދާ ވިދާޅުވި އެވެ.
މިހާރުގެ މި ޒަމާނުގެ އާ އީޖާދުތަކާއި އާ ވަސީލަތްތަކާއި އާ ވައްޓަފާޅިތަކުގެ ސަބަބުން އިލްމީ އަދި ފަންނީ އުފެއްދުންތައް މިއަދު ދައުރުވަމުން ދާ ގޮތާއި މި ދެމިގެންދާ ދިޔުން އަޅުގަނޑުމެން ވިސްނާލަން އެބަ ޖެހޭ.
ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް އެތަށް އިސްލާހުތަކެއް ގެންނަން ޖެހިފައިވީ ނަމަވެސް މިހާތަނަށް މި ގާނޫނަށް ހުށަހަޅާފައިވަނީ އެންމެ އިސްލާހެއްކަމަށް ސައުދާ ވިދާޅުވި އެވެ.
ސައުދާ ވިދާޅުވީ މި ސަރުކާރުން ބޭނުންވަނީ ފަންނީ ބޭފުޅުންނަކީ މި ގައުމުގައި އަގުހުރި މަސައްކަތްތަކެއް ކުރާ ބަޔަކަށްވެ އެ މީހުން އެ ކުރާ މަސައްކަތުގެ އަގު ވަޒަން ކުރުން ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލުގައި ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް ވަރަށް ގިނަ އިސްލާހުތަކެއް ހުށަހަޅާފައިވާކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ދެވަނަ ބާބާއި ތިން ވަނަ ބާބުގެ ނަން އިސްލާހު ކުރުމާއެކު ދެ ވަނަ ބާބަށް 27 އިސްލާހަކާއި ތިންވަނަ ބާބަށް 16 އިސްލާހެއް ވަނީ ހުށަހަޅާފަ އެވެ.
މި ބިލުގެ ސަބަބުން ފަންނުވެރިންގެ ހައްގުތައް އިތުރަށް ހިމާޔަތްވެގެން ދާނެކަމަށް ސައުދާ ވިދާޅުވި އެވެ.
ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ރައްޔިތުންގެ މަޖިލިސް