ފާއިތުވި ތިން ހަފްތާ ތެރޭގައި 83 މަސާޖް ޕާލާ ބަންދުކޮށްފައިވާ ކަމަށާއި، ބިދޭސީން ނުގަވާއިދުން ވިޔަފާރިކުރަމުންދިޔަ 56 ވިޔަފާރިއެއް ވެސް ބަންދުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިކަން ހާމަކުރެއްވީ ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރެހެންދި ސްކޫލްގައި ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ސެލޫންތަކުގެ ނަމުގައި ގާނޫނާއި ގަވާއިދާ ޚިލާފަށް އަދި ދީނީ ހަމަތަކާ ވެސް ނުފެތޭ ގޮތަށް މަސާޖް ޕާލާތައް ހިނގަމުންދާ މައްސަލައަކީ މުޖުތަމަޢުގެ ތެރޭގައި ވަރަށް ނޭދެވޭ ގޮތަކަށް ހިނގާ ކަމެއް ކަމަށެވެ. މީގެ ކުރިން ވެސް މިކަންކަމަށް ސަރުކާރުތަކުން ސީރިއަސްކޮށް ބަލާނެ ކަމަށް ބުނި ނަމަވެސް، އެތަންތަން ބަންދުކޮށްފައި ނުވާކަން ރައްޔިތުން ވަރަށް ގިނައިން ފާހަގަކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، މި މައްސަލަތައް ހައްލުކުރުމަށްޓަކައި ހޯމް މިނިސްޓްރީ، އިމިގްރޭޝަން، އަދި ފުލުހުން ގުޅިގެން ޓާސްކްފޯސްއެއްގެ ގޮތުގައި މަސައްކަތް ފެށީ ޑިސެމްބަރު 9 ވަނަ ދުވަހު އެވެ.
ރައީސް ވިދާޅުވީ، އެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ގެންދިޔަ ކަމަށާއި، ޑިސެމްބަރު 9 އިން 21 އާ ހަމައަށް ޖުމްލަ 83 މަސާޖް ޕާލާ ބަންދުކުރެވިފައިވާ ކަމަށެވެ. ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ތާރީޚުގައި ވެސް މީގެ ކުރިން މި އަދަދާ ގާތްކުރާ ވަރަށް ވެސް މަސާޖް ޕާލާ ބަންދުކޮށްފައި ނުވެ އެވެ.
މި އޮޕަރޭޝަނާ ގުޅިގެން ބައެއް ބިދޭސީން ހައްޔަރުކޮށް، ޑިޕޯޓްކުރުމުގެ މަރުހަލާގައި ވެސް އެބަ ތިބި ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނުގެ އަމާޒަކީ ރައްޔިތުން ބޭނުންވާ ފަދައިން ހުރިހާ މާނައެއްގައި ވެސް ސާފު މުޖުތަމައެއް ބިނާކުރުން ކަމަށާއި، ރައްޔިތުންގެ ޚިޔާލުތަކަށް އަމަލީ ސިފަ ގެނެސްފައިވާނެ ކަމަށް ވިދާޅުވި އެވެ.

އޭގެއިތުރުން ރައީސް ވަނީ ނުގަވާއިދުން ބިދޭސީން ކުރަމުންދާ ވިޔަފާރިތައް ހުއްޓުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްވެސް ފާހަގަކުރައްވާފަ އެވެ. އެގޮތުން މިދިޔަ ތިން ހަފްތާ ތެރޭގައި އެކަނި ވެސް 56 ވިޔަފާރި ބަންދުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބިދޭސީންގެ މައްސަލަ އިމިގްރޭޝަން



