މާލޭގެ ބާޒާރުމަތީ މަގު ފުޅާކުރުމުގެ މަސައްކަތް ފެށުމަށްޓަކައި، ނޯތު ހާބަރުގެ އިރުމަތީ ފަރާތުން ކަނޑު އުޅަނދުތައް ނަގަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު އަންގައިފި އެވެ.
އެމްޕީއެލުން ކުރި އިއުލާނުގައި ބުނީ މި މަސައްކަތް އަންނަ ހޮނިހިރު ދުވަހު ފެށުމަށް ހަމަޖެހިފައިވާތީ، އެ ސަރަހައްދުގައިވާ އުޅަނދުތައް ނެގުމަށް އެންގީ ކަމަށެވެ.
އެމްޕީއެލްގެ އިއުލާނުގައިވާ ގޮތުން، މަސައްކަތްކުރާ ސަރަހައްދުގައި ހުރި ކަނޑު އުޅަނދުތައް ނަގަން ޖެހޭ ސަރަހައްދު އެނގޭނެ ގޮތަށް އެއްގަމު ތޮށީގައި ފާހަގައެއް ޖަހާފައި ވެއެވެ. އަދި އެ ސަރަހައްދުގައި ބަނދަރުކޮށްފައިވާ އުޅަނދުތައް މިއަންނަ ހުކުރު ދުވަހުގެ 12:00 ގެ ކުރިން ނެގުމަށް ވަނީ އަންގާފަ އެވެ.
މި އުޅަނދުތައް ވަގުތީ ގޮތުން އެޅުމަށް ސަރަހައްދެއް ހަމަޖައްސަމުންދާ ކަމަށް އެމްޕީއެލުން ބުނެފައިވެ އެވެ. އެ ގޮތުން އެ އުޅަނދުތައް ވަގުތީ ގޮތުން އެޅުމަށް ހަމަޖައްސަމުންދަނީ އެމްއެމްއޭ (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ) ކުރިމަތިން އޮންނަ ސަރަޙައްދުގަ އެވެ. މީގެ އިތުރުން، މި މަސައްކަތަށް ބާޒާރު މަތީ ސަރަޙައްދުގެ ފަޅުތެރެ ހުސްކުރާނީ 3 ބަޔަކަށް ބަހާލައިގެން ކަމަށާއި، ފުރަތަމަ ހުސްކުރަން އަންގާފައިވަނީ މަސް މާރުކޭޓުން ފެށިގެން 100 މީޓަރުގެ ސަރަޙައްދެއް ކަމަށް އެމްޕީއެލުން ހާމަކުރެ އެވެ.
މި މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހު އެވެ. މި މަސައްކަތުގެ ދަށުން މަސްމާރުކޭޓާ ހިސާބުން ފެށިގެން ނޯތު ހާބަރާ ހަމައަށް އެއްގަމުތޮށި ބޭރަށް ޖައްސައި ހަތަރު ލޭނަށް މަގުފުޅާ ކުރާނެ އެވެ. އަދި މުޅި އެ މަގުގައި ތާރު އަޅައި އެންމެ ޒަމާނީ ފެންވަރަށް މަގު ބަދަލުކުރެވޭނެ އެވެ.
ސަރުކާރުގެ އަމާޒަކީ މި މަސައްކަތް އަންނަ ރޯދަ މަހުގެ ކުރިން ނިންމުމެވެ.
މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)


