ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 2024 ވަނަ އަހަރު ޓެކުހަށް ކެނޑުމަށްފަހު ހޯދި 2.25 ބިލިއަން ރުފިޔާގެ ސާފު ފައިދާއަކީ އެ ބޭންކަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ފައިދާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޝަރީފު ވިދާޅުވެއްޖެ އެވެ.
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ދެއްކެވި ވާހަކަގައި ޝަރީފު ވިދާޅުވި ގޮތުގައި ބޭންކުގެ ޖުމްލަ އެސެޓް މިހާރު ވަނީ 48 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް ގޮސްފަ އެވެ. އަދި ކަސްޓަމަރުންގެ ޑިޕޮސިޓްގެ ގޮތުގައި 32 ބިލިއަން ރުފިޔާ ހުރި އިރު، މިއީ ރާއްޖޭގެ ހުރިހާ ބޭންކެއްގައި ޖަމާކޮށްފައިވާ ޖުމްލަ އަދަދުގެ 58 އިންސައްތަ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
”މި އަދަދުތަކުން ދައްކައިދެނީ ކަސްޓަމަރުން ބީއެމްއެލްއަށް ކުރައްވާ އިތުބާރު،“ ޝަރީފު ވިދާޅުވިއެވެ.
މީގެއިތުރުން، ބޭންކުގެ ކެޕިޓަލް އެޑިކުއެސީ ރޭޝިއޯ 58 އިންސައްތައިގައި ހުރި ކަމަށް ފާހަގަކުރައްވައި، މިއީ ގާނޫނީ ގޮތުން ލާޒިމްކުރާ މިންގަނޑަށްވުރެ މަތީ އަދަދެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މި އަދަދުތަކުން ބީއެމްއެލްގެ މާލީ ހާލަތު ވަރަށް ހަރުދަނާކަން ހާމަކޮށްދޭ ކަމަށް ވެސް ވަނީ ފާހަގަކުރައްވާފައެވެ.
ޝަރީފް ވިދާޅުވި ގޮތުގައި، މިހާރު ބޭންކުން ހިންގާ ޑިޖިޓަލް މުއާމަލާތްތަކުގެ އަދަދު 220 މިލިއަނަށްވުރެ އިތުރުވެފައިވާ އިރު، މި މުއާމަލާތްތަކުގެ ޖުމްލަ އަގު 540 ބިލިއަން ރުފިޔާއަށްވުރެ މަތިވެފައިވެ އެވެ.
ޝަރީފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ”ބޭންކުގެ ޑިޖިޓަލް ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވެމުންދާ އިންވެސްޓްމަންޓްތަކުގެ ނަތީޖާއަކީ ރާއްޖޭގެ މާލީ ސިނާއަތުގައި ޚިދުމަތުގެ މިންގަނޑު ކަނޑައެޅުން“ ކަމުގަ އެވެ.
ބޭންކުގެ ކުރިމަގާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، މި ސަރަހައްދުގެ އެންމެ ރަނގަޅު ޑިޖިޓަލް ބޭންކަށް ވުމުގެ ލަނޑުދަނޑި ހާސިލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ޑިޖިޓަލް ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ވަރަށް ގިނަ ފުރުސަތުތައް އެބަހުރި ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ބީއެމްއެލް ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް