ހަލާކުވެ ނުވަތަ ނައްތާލަން ބޭނުންވެފައި ހުރި އުޅަނދުތަކުގެ ޖޫރިމަނާތައް ހުއްޓަސް، އުޅަނދުގެ ރަޖިސްޓްރީ ބާތިލުކޮށްދޭން ޓްރާންސްޕޯޓު މިނިސްޓްރީން ނިންމައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތައް ބައުވެ ހަލާކުވެ ނައްތާލަން ބޭނުންވާ ހާލަތްތަކުގައި، އުޅަނދުގެ ރަޖިސްޓްރީ ބާތިލްކުރުމާއި އުޅަނދު ނައްތާލުމުގައި ބައެއް މީހުންނަށް ދަތިތައް ދިމާވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، އެކަމަށް ލުޔެއް ހޯދައިދޭން ނިންމައިފައިވާ ކަމަށް ބުނެފައިވެ އެވެ.
އެގޮތުން އެފަދަ އުޅަނދުތަކުގެ އަހަރީ ފީތަކާއި ޖޫރިމަނާތައް ހުރި ނަމަވެސް، އަންނަ މަހުން ފެށިގެން ރަޖިސްޓްރީ ބާތިލުކޮށްދޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ. އެ އުޅަނދެއްގެ ނުދައްކާ ހުރި އަހަރީ ފީއާއި ޖޫރިމަނާއަކީ ވެރިފަރާތުން ދައުލަތަށް ދައްކަން ޖެހޭނެ އެއްޗެއްކަން މިނިސްޓްރީން ބުނެފައިވެ އެވެ.
ބާވެ ހަލަކުވެފައިވާ އުޅަނދު ނައްތާލަން ބޭނުންވާ ފަރާތްތަކަށް މިދިޔަ އަހަރުގެ ނޮވެންބަރު މަހުވެސް އެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އުޅަނދު ނައްތާލަން އެދި ހުށަހަޅާ ފޯމުގައި، އުޅަނދުގެ ރެޖިސްޓްރޭޝަން ބާތިލުކުރަން ވެސް އެދެން ޖެހެ އެވެ.
މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ހަލާކުވެފައި ހުންނަ ވެހިކަލްތައް ގިނަ ދުވަސްވަންދެން ހުންނާތީ އެކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރެ އެވެ. މިފަހުން ފުލުހުންނާއި ކަމާ ބެހޭ ފަރާތްތަކުން ވަނީ މިގޮތަށް ހުންނަ އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަމުންނެވެ.



