އާ އަހަރާ ދިމާކޮށް ބާއްވާ ކުލަގަދަ ”ނިއު އިޔަރ ފެސްޓިވަލް“ ގައި ވިޔަފާރިކުރުމަށް ސްޓޯލްތައް ކުއްޔަށް ހިފުމުގެ ފުރުސަތު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފި އެވެ. މި
ފެސްޓިވަލު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފިޔަވަހި 1 އާއި ފިޔަވަހި 2 ގުޅޭ ޗެނަލް ސަރަހައްދުގަ އެވެ. މި ހަރަކާތަކީ އާ އަހަރު ފާހަގަކުރުމަށް ހުޅުމާލޭގައި ބާއްވާ އެންމެ މުހިންމު އެއް ހަރަކާތެވެ.
ނިއު އިޔަރ ފެސްޓިވަލްގައި ސްޓޯލް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން އެޗްޑީސީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. ސްޓޯލްތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 23 ޑިސެންބަރު 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 އެވެ.
އެޗްޑީސީން ބުނި ގޮތުގައި އެޗްޑީސީން މި ފެސްޓިވަލު ބޭއްވުމުގެ މަޤްޞަދަކީ ހުޅުމާލޭގެ ރައްޔިތުންނަށް އާ އަހަރުގެ އުފާވެރި މާހައުލެއްގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.



