ނޭޕާލުގެ ކުރީގެ ބޮޑުވަޒީރު، ކޭ.ޕީ. ޝަރުމާ އޮލީގެ ޕާޓީގެ ސަޕޯޓަރުން ހިމެނޭ ގޮތަށް، އެތައް ހާސް ބަޔަކު ހޮނިހިރު ދުވަހު ބޮޑު މުޒާހަރާއެއް ބާއްވާފި އެވެ.
މިއީ، ޒުވާނުން އިސްކޮށް ހިންގި ކޮރަޕްޝަނާ ދެކޮޅު މުޒާހަރާތަކަށް ފަހު، ތިން މަސް ދުވަސް ތެރޭގައި އެ ގައުމުގައި ބޭއްވުނު އެންމެ ބޮޑު އެއްވުމެވެ.
ފުލުހުން ލަފާކުރާ ގޮތުގައި، ވެރިރަށް ކާޓްމަންޑޫ ކައިރީގައިވާ ބާކްތަޕޫރުގައި ބޭއްވުނު މި އެއްވުމުގައި 70،000 މީހުން ބައިވެރި ވިއެވެ. މި އެއްވުން ބޭއްވީ ކޮމިއުނިސްޓް ޕާޓީ އޮފް ނޭޕާލް (ޔުނައިޓެޑް މާކްސިސްޓް–ލެނިނިސްޓް) ގެ ތިން ދުވަހުގެ ކޮންވެންޝަން ފެށުމުގެ ގޮތުންނެވެ. އެހެން ނަމަވެސް، އިންތިޒާމުކުރި ފަރާތްތަކުން މުޒާހަރާއަށް ކުރިން 300،000 މީހުން ނެރޭނެ ކަމަށް ބުނެފައިވެ އެވެ.
ސިޔާސީ ތަޖުރިބާކާރު ޕުރަންޖަން އާޗާރިޔާ ވިދާޅުވީ، ކޮރަޕްޝަނާ ދެކޮޅު މުޒާހަރާތަކަށް ފަހު، ވެރިރަށުގައި އެއްވެސް ޕާޓީއަކުން ބޭއްވި އެންމެ ބޮޑު ސަޕޯޓަރުންގެ އެއްވުމަކީ މިއީ ކަމަށެވެ.
ސެޕްޓެމްބަރު މަހު ހިނގި ޒުވާނުންގެ މުޒާހަރާތަކާއި އޭގެ ފަހުން ހިނގި ހަމަނުޖެހުންތަކުގައި 77 މީހުން މަރުވެ، 2،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވި އެވެ. ބޮޑުވަޒީރުގެ އޮފީހާއި، ސުޕްރީމް ކޯޓާއި، ޕާލިމެންޓްގައި ރޯކުރުމުގެ ސަބަބުން އޮލީ އާއި އެހެން ބައެއް ސިޔާސީ ވެރިން ވަނީ ސަލާމަތްކޮށް، ސިފައިންގެ ބެލުމުގެ ދަށުގައި އެތައް ދުވަހަކު ބައިތިއްބާފަ އެވެ.
އޭގެފަހުން ކުރީގެ އުއްތަމަ ފަނޑިޔާރު ސުޝީލާ ކާކީ އިސްކޮށް ހުންނަވައިގެން ހިންގާ ވަގުތީ ސަރުކާރުން ވަނީ ޕާލިމެންޓް އުވާލާފަ އެވެ. އެ ސަރުކާރުން ބުނާ ގޮތުގައި، ހަމަނުޖެހުންތަކުގެ ސަބަބުން ނޭޕާލުގެ 42 ބިލިއަން ޑޮލަރުގެ އިޤްތިޞާދަށް 586 މިލިއަން ޑޮލަރަށް ވުރެ ބޮޑު ގެއްލުމެއް ލިބިފައިވެ އެވެ.
ޔޫ.އެމް.އެލް. ގެ ރައީސްކަމަށް އަލުން އިންތިޚާބުވުމަށް މަސައްކަތްކުރައްވާ އޮލީ، ހޮނިހިރު ދުވަހުގެ އެއްވުމުގައި ވިދާޅުވީ ޕާލިމެންޓް އުވާލުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށެވެ. ޔޫ.އެމް.އެލް. އިން ވަނީ ޕާލިމެންޓް އަލުން ބަހާލުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ.
އޮލީ ވިދާޅުވީ، ’އަޅުގަނޑުމެން ދައްކުވައިދެނީ ޒުވާނުންނާ ދެކޮޅު ބައެއްގެ ގޮތުގައި. އެކަމަކު އެއީ ތެދެއް ނޫން،‘ ކަމަށެވެ.
މި އަންނަ ހޯމަ ދުވަހު ބާއްވާ ޕާޓީގެ ރައީސް އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 2،000 އަށް ވުރެ ގިނަ ޔޫ.އެމް.އެލް. ޑެލިގޭޓުންނަށް ލިބިގެންވެ އެވެ. އޮލީ އަށް މި އިންތިޚާބުގައި ގޮންޖައްސަވަނީ އެމަނިކުފާނުގެ ނައިބު، އިޝްވަރު ޕޮޚްރެލް އެވެ. އިންތިޚާބު ކާމިޔާބުކުރާ ފަރާތަކުން، މާރޗް 5 އަށް ތާވަލުކުރެވިފައިވާ ޕާލިމެންޓް އިންތިޚާބަށް ނޭޕާލުގެ އެންމެ ބޮޑު ކޮމިއުނިސްޓް ޖަމާއަތަށް އިސްކޮށް ހިންގާނެ އެވެ.


