ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ސްރީ ލަންކާއަށް އެހީވުމަށް ކުރިއަށް ގެންދާ ޓެލެތޯނަށް، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕުން ފައިސާ ހަދިޔާ ކުރުމަށް ނިންމައިފި އެވެ.
ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ނިންމަވާލައްވަމުން ޕީއެންސީގެ ޕީޖީ ލީޑަރު އަދި ކެމްޕެއިން މެނޭޖަރު އިބްރާހިމް ފަލާޙު ވިދާޅުވީ، ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުގެ ފަރާތުން ވެސް ޕީއެސްއެމްގެ ލަންކާއަށް އެހީވުމުގެ ޕްރޮގްރާމް، ނުވަތަ ޓެލެތޯނުގައި ބައިވެރިވާނެ ކަމަށެވެ. ނަމަވެސް، ހަދިޔާ ކުރުމަށް ނިންމާފައިވާ އަދަދެއް ފަލާޙު ހާމައެއް ނުކުރައްވަ އެވެ.
”އަޅުގަނޑުމެން ވެސް މީގެ އިރުކޮޅެއް ފަހުން އަޅުގަނޑޫމެންގެ ޕާލިމެންޓްރީ ގުރޫޕުގެ ފަރާތުން ވެސް ހަމަ ޕީއެސް އެމް އަށް ލަންކާ އަށް އެހިތެރިވުމުގެ ޕްރޮގްރާމްގައި [ޓެލެތޯންގައި] އެބަ ބައިވެރިވަން.“
މިއަދު ކުރިއަށް ގެންދާ ’ސިލޯނާއެކު ދިވެހީން‘ ޓެލެތޯނަކީ ޕީއެސްއެމް އާއި އިތުރު 37 މީޑިއާއަކާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ޓެލެތޯނު ނިމޭނީ މިރޭ 1:00 ގައެވެ. މި ޓެލެތޯނުގެ ފަންޑު ފޮށިތައް މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާއިރު، ފައިސާ ޓްރާންސްފާ ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.
- ދިވެހި ރުފިޔާ ޖަމާކުރުމަށް ހަމަޖެހިފައިވަނީ 7730000796107 އެކައުންޓަށް.
- ޑޮލަރު ޖަމާކުރުމަށް ހަމަޖެހިފައިވަނީ 7730000796106 އެކައުންޓަށް.
މީގެ އިތުރުން، ދިވެހި ސަރުކާރުން ވަނީ ސްރީ ލަންކާއަށް 50،000 ޑޮލަރުގެ އިތުރުން 25،000 މަސްދަޅު ހަދިޔާ ކުރުމަށް ނިންމާފައިވާކަން ވެސް ފާހަގަކޮށްލެވެ އެވެ.
ރައްޔިތުންގެ މަޖިލިސް ރާއްޖެ - ލަންކާ ކޮންގްރެސް ޕާޓީ ސްރީލަންކާ
