ގދ. ތިނަދޫ ރަށްވެހިކަން ދޫކޮށްލާނަމަ 5000 ރުފިޔާ ނެގުމަށް އެ ސިޓީގެ ކައުންސިލުން ނިންމައިފިއެވެ.
އެ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނި ގޮތުގައި މިފަދައިން ނިންމުމަށް މިއަހަރުގެ އޮސްޓު 10 ވަނަ ދުވަހު ރައްޔިތުންނާއެކު ބައްދަލުވުމެއް ކުރިއަށް ގެންދިޔަ ކަމަށެެވެ. އަދި މި ބައްދަލުވުމުގައި ރަށްވެހިކަމުން އުނިކުރުމަށް ނަގާ ފީއެއްގެ އަދަދު ކަނޑައެޅުމަށް ގޫގުލް ފޯމެއް ފުރުވާފައިވެއެވެ.
އެ ކައުންސިލުން ބުނީ މި ފޯމުގައި 0 ކުން ފެށިގެން 5000 ރުފިޔާ އާ ދެމެދު ފީ ހިމެނޭ އިހުތިޔާރު ދެވިފައިވެއެވެ. އަދި މި މައްދަލުވުމުގެ މެޖޯރިޓީ ރައްޔިތުން ހިލާދު ދީފައިވަނީ 5000 ރުފިޔާގެ ފީއެއް ނެގުމަށް ކަމަށް ވެސް ބުނެފައިވެއެވެ.
ވުމާއެކު މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ތިނަދޫ ސިޓީގެ ރަށްވެހިކަމުން އުނިކުރަން އެދޭ ފަރާތްތަކުން އިދާރީ ފީ އެއްގެ ގޮތުގައި 5000 ރުފިޔާގެ ފީއެއް ނަގާނެ ކަމަށް ވެސް އެ ކައުންސިލުން ބުނެފައިވެއެވެ.
ތިނަދޫ ސިޓީގެ ރަށްވެހިކަން ދޫކޮށްލަން ބޭނުންވާ ފަރާތްތަކުގެ އަތުން 5000 ރުފިޔާގެ ފީއެއް ނެގުމަށް ކުރިންވެސް އެ ކައުންސިލުން ނިންމާފައިވެއެވެ. ނަމަވެސް އެ ނިންމުން ނިންމާފައިވަނީ އިޖުރާއަތްތައް ފުރިހަމަ ނުކޮށެވެ. ވުމާއެކު އެ އިޖުރާއަތްތައް ފުރިހަމަ ކުރުމަށް އެލްޖީއޭ އިން އެންގުމުން އެ އިޖުރާއަތްތައް ފުރިހަމަކޮށް އަލުން އެފަދައިން ފާސް ކުރީއެވެ.
