މަސްތުވާތަކެތި ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށް، ސަރުކާރުން ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި ހައްޔަރުކުރެވުނު މީހުންނާއި، އަތުލައިގަތް މަސްތުވާތަކެތީގެ މައުލޫމާތުތައް ފުލުހުން އާންމުކޮށްފި އެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެޑް އޮފް ޑްރަގް އެންފޯސްމެންޓު، ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަހުމަދު މުސްލިމް ވިދާޅުވި ގޮތުގައި އެ އޮޕަރޭޝަންއަކީ މިހާރުވެސް ކުރިއަށްދާ އޮޕަރޭޝަނެކެވެ. އަދި މައުލޫމާތު އާންމުކުރުން ލަސްވީ އޮޕަރޭޝަން ކުރިއަށްދިއުމުގެ ސަބަބުންކަމަށް އޭނާ ވިދާޅުވި އެވެ.
މި މަހުގެ 1 އިން 13އަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި:
- ޑިޕްލޮއި ކުރެވުނު ފުލުހުން: 500
- އޮޕަރޭޝަން ހިނގުނު ރަށުގެ އަދަދު: 39
- ބަލާފާސްކުރި ތަންތަން: 105
- ހައްޔަރުކުރެވުނު މީހުން: 110
- ބަލާ ފާސްކުރި ކަނޑު އުޅަނދު: 01
- ބަލާ ފާސްކުރ އެއްގަމު އުޅަނދު: 09
- އަތުލައިގަނެވުނު މަސްތުވާތަކެތި: 68-29 ކިލޯ
ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޗީފް އިންސްޕެކްޓަރ ނާއިފް ވިދާޅުވީ، މި އޮޕަރޭޝަނުގައި 110 މީހުން ހައްޔަރު ކުރެވިފައިވާއިރު، އެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރެވުފައިވާ މީހުންގެ ތެރެއިން ބަންދުގެ މުއްދަތު އިތުރު ކޮށްފައިވަނީ، 38 ފަރާތެއްގެ ކަމަށެވެ. ހައްޔަރުކުރެވުނު ފަރާތްތަކުގެ ތެރެއިން ކޯޓަށް ހާޒިރު ކުރެވިފައި ވަނީ އެފަރާތްތަކުގެ ކުށުގެ ރިކޯޑާއި، މައްސަލައިގެ ކުޑަބޮޑު މިނަށް ބަލާފައި ކަމަށްވެސް ނާއިފް ވިދާޅުވި އެވެ.
”އާންމު އުސޫލަކީ އަތުން މަސްތުވާތަކެތި ފެންނަ ހާލަތުގަ އަޅުގަނޑުމެން ކޯޓަށް ހާޒިރު ކުރާނެ، އެހެންވީމަ އެ އުސޫލުން ބައެއް ފަރާތްތަކަކީ ހަމައެކަނި ޔޫރިން ޕޮޒެޓިވްވީމަ އެ ސަބަބަށްޓަކައި އަޅުގަނޑުމެން ކޯޓަށް ހާޒިރު ނުކުރަނީ އެފަރާތުގެ ކުށުގެ ރިކޯދަށް ބަލާފަ.“
މީގެ އިތުރުން، ނާއިފް ވިދާޅުވީ، ކޯޓަށް ހާޒިރުނުކޮށް ދޫކޮށްލައިފައި ވަނީ ޖުމްލަ 68 ފަރާތެއް ކަމަށެވެ.
ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ފުލުހުން ވަނީ މި އެންމެންނަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންކަން ސީދާ އަދި ތަހުޤީޤްއަށް ޔަޤީން ނުކުރެވޭކަމަށް ބުނެފަ އެވެ. ނަމަވެސް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބަޔަކުވެސް އަތުލައިގަނެވިފައިވާކަން ފާހަގަކޮށް، ފުލުހުން ބުނީ ގއ. އަދި ގދ. އަތޮޅު ހައްޔަރުކުރި މީހުންނަކީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންކަމަށާއި، މާލެއިން ވެސް އެފަދަ 2 މީހަކު ހައްޔަރުކުރި ކަމަށެވެ.
އެ ވާހަކަތަކަށްފަހު ފުލުހުން މީޑިއާ ހިއްސާކުރި ކަރުދާހުގައި މީގެތެރެއިން ގދ. އަދި ގއ. އަތޮޅުން ހައްޔަރުކުރި މީހުންގެ ނަންތަކެއް ހިމަނާފައެއް ނެތެވެ. އަދި އެ ކަރުދާހުގައިވާގޮތުން ޝަރީއަތް ނިމެންދެން ބަންދުގައި ހުރީ މާލެއިން ހައްޔަރުކުރި އެންމެ މިހެކެވެ. އެއީ މުހައްމަދު ޖަޒްލާން އަޝްރަފް ކިޔާ މީހެކެވެ.
