އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަ ކުރެވުނު ނަމަ މައާފަށް އެދޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ޒަކާތާ ގުޅޭގޮތުން އެ މަންމަ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވުމަށް ކުރެއްވި ޕޯސްޓެއްގައި އޭނާގެ ޒާތީ މައުލޫމާތުތަކެއް ހާމަވުމާ ގުޅިގެން އާންމުންގެ ފާޑުކިޔުން އަމާޒުވުމާ ގުޅިގެންނެވެ.
މި ހަފްތާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރިއަށް ގެންދިޔަ ޖަލްސާގައި އެކަނިވެރި މަޔަކު ވަނީ އޭނާގެ އުދާސްތައް ހިއްސާކުރައްވާފަ އެވެ. އޭނާ ބުނި ގޮތުގައި އޭނާގެ ފަސް ދަރިން ތިބެ އެވެ. އޭގެ ތެރެއިން އެންމެ ހަނގު ދަރިފުޅަކީ ލޯފަން ކުއްޖެކެވެ. އެ ކުއްޖާގެ ފަރުވާ އަށް 2023 ވަނަ އަހަރު އިންޑިއާއަށް ދިއުމަށް ދެން ތިބި ކުދިން ކޮއްކޮއަކާ ހަވާލުކޮށްފައި ދިޔަ ކަމަށާއި، ނަމަވެސް އެނބުރި އައިއިރު، އެ ހުރިހާ ކުދިން، އޭރު މުޖުތަމައަށް ދޫވެފައި ހުރި އެ ކުދިންގެ ބައްޕައާ ޖެންޑާ މިނިސްޓްރީން ހަވާލުކޮށްފައިވާ ކަމަށް އޭނާ ބުނެފައިވެ އެވެ.
އެ މަންމަ އިތުރަށް ބުނެފައިވަނީ އެ ކުދިންގެ ބައްޕަ އަކީ ބޮޑެތި އެކި މައްސަލަތަކުގައި ޖަލުގައި ހުކުމް ތަންފީޒު ކުރަމުން އަންނަތާ އަހަރުތަކެއް ވެފައިވާ މީހެއް ކަމަށެވެ. އަދި އެމީހާ ހުކުމްތަކުން ސަލާމަތްވާން އޮތީ 2041 ވަނަ އަހަރުގައި ކަމަށް ވެސް އޭނާ ފާހަގަކުރި އެވެ.
އޭނާ ވަނީ ލޯފަން ހަނގު ދަރިފުޅު ގޮވައިގެން އިންޑިއާއަށް ދިއުމަށް ޒަކާތް ހޯދުމަށް އެދި ޒަކާތު ފަންޑުގައި ރަޖިސްޓްރީވުމަށް ފޯމުލާފަ އެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީން އޭނާގެ ފޯމު ބޭރުކޮށްލީ އެކައުންޓުގައި ފައިސާ ރޯލްވާތީ ޒަކާތް ހައްގު ނުވާތީ ކަމަށް އޭނާ ބުނި އެވެ. އޭނާގެ ވާހަކަތަކުގައި، ގިނަ ބައެއްގެ އެހީތެރިކަމާއެކު ފައިސާ ހޯދާފައިވާތީ އެ ފައިސާ އޭނާގެ އެކައުންޓުގައި ރޯލްވާނެ ކަމަށާއި، އެކަމާ އޭނާގެ ހާލަތު ނުބައްދަލު ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. މި ވާހަކަތައް މީސްމީޑިއާގައި ދައުރުވުމާއެކު ޑރ. ޝަހީމް އަށާއި ޒަކާތު ހައުސްއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.
ފާޑުކިޔުންތަކަށް ރައްދު ދެއްވުމުގެ ގޮތުން ޑރ. ޝަހީމް ކުރެއްވި ޕޯސްޓެއްގައި އެ އެކަނިވެރި މަންމަގެ ވަޒީފާއިން ލިބޭ އާމްދަނީގެ އަދަދާއި، އޭނާގެ އެކައުންޓްގައި ހުރި ފައިސާގެ އަދަދު ހިމަނާފައިވެ އެވެ. އަދި ޒަކާތު ހައުސްއިން ފޯރުކޮށްދިން އެހީގެ އަދަދުވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
އާންމުންގެ ފާޑުކިޔުން ބޮޑުވުމާ ގުޅިގެން ޑރ. ޝަހީމް ވަނީ އެ ޕޯސްޓު ނަންގަވައި، މައާފަށް އެދިވަޑައިގެންފަ އެވެ. ޝަހީމް ވިދާޅުވީ، މީހެއްގެ ޒާތީ މައުލޫމާތު ހާމަކުރުމަކީ އެއްވެސް މަގުސަދެއް ނޫން ކަމަށާއި، އެ ޕޯސްޓުގެ މަގުސަދަކީ ޒަކާތުގެ ކަމަކާ ގުޅިގެން ހަގީގަތް އޮޅޭގޮތަށް ހާމަކުރި މައުލޫމާތަކަށްވާތީ އޭގެ ސައްހަ މައުލޫމާތު ހާމަކޮށްދިނުން ކަމަށެވެ. އަދި އެތައް ހާސް ރައްޔިތުން ޒަކާތު ފަންޑާ ހަވާލުކުރާ އެތައް މިލިއަން ރުފިޔާގެ އަމާނާތް އެތަނުން އަދާކުރަމުންދަނީ އަދުލުވެރިކަމާއި އިންސާފުންކަން ކަށަވަރުކޮށްދިނުން ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
އެކަނިވެރި މަންމަގެ ޒާތީ މައުލޫމާތު ހާމަ ކުރެވުނު ނަމަ، އޭނާ މައާފަށް އެދޭ ކަމަށް ޑރ. ޝަހީމް ވަނީ ވިދާޅުވެފަ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
