މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވާ ބައްދަލުވުންތަކުގެ ފުރަތަމަ ބައްދަލުވުން މާދަމާ ރޭ ވިލިމާލޭގައި ބޭއްވުމަށް ނިންމައިފި އެވެ.
މާލޭގެ އަވަށްތަކަށް އަމާޒުކޮށް ބައްދަލުވުންތަކެއް ބާއްވަވަން ނިންމަވާފައިވާކަން ރައީސް މުއިއްޒު ހާމަކުރެއްވީ ނޮވެމްބަރު 17 ވަނަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިއަދު ވިދާޅުވީ މީގެ ފުރަތަމަ ބައްދަލުވުން ބާއްވާނީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޚާއްސަކޮށްގެން ކަމަށެވެ. އެގޮތުން ނޮވެމްބަރު 23 ވާ އާދީއްތަ ދުވަަހުގެރޭ 20:30 ގައި ވިލިމާލޭ މުހްޔިއްދީން ސްކޫލްގައި މި ބައްދަލުވުން އޮންނާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވަނި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާފަ އެވެ.
”ރައްޔިތުންނާއެކު ކުރިއަށް- ހަފުތާ 104“ ގެ ނަމުގައި ނޮވެމްބަރު 17 ވަނަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އަތޮޅުތަކުގައި ބޭއްވި ބައްދަލުވުންތައް ކުރިއަށް ގެންދެވުނު ފަދައިން، މާލޭ ސަރަހައްދުގައި ވެސް މިފަދަ ބައްދަލުވުންތަކެއް ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ ކަމަށެވެ. މި ބައްދަލުވުންތަކުގައި މާލޭގެ ހަތަރު އަވަށާއި، ވިލިނގިލި، އަދި ހުޅުމާލޭގެ ދެ ފޭސްގައި ދިރިއުޅޭ ރައްޔިތުންނާއެކު މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއި، އަންހެނުންނާއި ޒުވާނުން އިސްވެ ހިންގާ ވިޔަފާރިތަކަށް އަމާޒުކޮށް ވެސް ބައްދަލުވުންތަކެއް ބޭއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
