އިސްލާމްދީނުގެ ޙުދޫދުން ބޭރުވާ ގޮތައް ކަންކަން ނުކުރެއްވުމަށް ފިލްމީ އިންޑަސްޓްރީގެ ބޭފުޅުންގެ އަރިހުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
ރައީސް މިފަދައިން އެދިވަޑައިގެންފައިވަނީ، މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ރައީސް މިކަމަށް އެދިވަޑައިގެންފައިވަނީ، އޮލިމްޕަހުގައި ރޭ އެޅުވި ދިވެހި ފިލްމު ”ލިލީ“ ގެ ކާޕެޓް އިވެންޓަށް އިސްލާމްދީނާ ނުގުޅޭ ގޮތަށް ހެދުން އަޅައިގެން ދިޔަ ފިރިހެނެއްގެ މައްސަލަ ސޯޝަލް މީޑިއާގައި ހޫނުވެފައި ވަނިކޮށެވެ.
އެ ޕޯސްޓްގައި ރައީސް ވިދާޅުވެފައިވަނީ، ރައްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއްކަމުން އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި އަމަލުތައް ބެހެއްޓުމަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކު އުފަލާއެކު ކުރަންވާނެ ކަމެއް ކަމަށެވެ. އަދި މުސްލިމުންގެ ސަގާފަތާ ހިލާފު ކަންކަމާ އަޅުގަނޑުމެން ދުރުވާން ޖެހޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
”ފިލްމާއި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގެ ބޭފުޅުންގެ އަރިހުން ވެސް އަޅުގަނޑު އެދެނީ އިސްލާމްދީނުގެ ހުދޫދުން ބޭރުވާ ގޮތައް ކަންކަން ނުކުރެއްވުމަށް.“
އިސްލާމްދީނުގެ ހުދޫދުން ބޭރު ނުވެ، ހެދިބޮޑުވަމުން އަންނަ ޖީލަށް އިސްލާމީ ސަގާފަތާ އެއްގޮތައް ހެޔޮ ނަމޫނާ ދައްކާ ބަޔަކަށް ވުމަކީ މި ގައުމަށްޓަކައި އަޅުގަނޑުމެންނަށް ކޮށްދެވޭނެ އެންމެ އަގުހުރި ހިދުމަތް ކަމަށްވެސް ރައީސްގެ ޕޯސްޓްގައި ވިދާޅުވެފައިވެ އެވެ.
