ރާއްޖޭގައި ޖަނަވާރު ގެންގުޅުމާއި، އެ ޖަނަވާރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ހުށަހެޅި ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ.
މި ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 52 މެންބަރުންގެ އިއްތިފާގުންނެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެންބަރު މުހައްމަދު އަބްދުއްރަހްމާން އެވެ. މި ބިލުގެ މައިގަނޑު މަޤްޞަދަކީ ޖަނަވާރު ގެންގުޅޭ ފަރާތްތަކުން އެކަންކުރާނެ އުސޫލުތަކެއް ކަނޑައެޅުމާއި، ޖަނަވާރުތަކަށް އަނިޔާކުރުން ހުއްޓުވުމަށް އަދަބު ކަނޑައެޅުމެވެ.
މި ބިލުގައި ވަނީ ޖަނަވާރަށް އަނިޔާކުރާ ފަރާތްތަކަށް ދޭނެ އަދަބުތަކާއި، ޖަނަވާރު ގެންގުޅުމުގައި އަމަލުކުރަންޖެހޭ ގޮތްތަކާ ޚިލާފުވާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކެއް ކަނޑައަޅާފަ އެވެ. ޖަނަވާރަށް އަނިޔާ ކުރާނަމަ ދިން އަނިޔާގެ ކުޑަ ބޮޑު މިނަށް ބެލުމަށް ފަހު ޖޫރިމަނާ ކުރުމުގެ ބާރު ބިލުން ލިބިގެންވެ އެވެ.
ބިލުގައިވާ ގޮތުން، އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު އާންމު ތަންތަނަށް ވީއްލިގެން އުޅުމަށް ދޫކޮށްލުމާއި، އެފަދައިން ގެންގުޅޭ ނުވަތަ ވީއްލިގެން އުޅޭ ޖަނަވާރަކަށް އަނިޔާއެއް ދީފިނަމަ، 5،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. މިއީ ޖަނަވާރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާފައިވާ މުހިއްމު ފިޔަވަޅެކެވެ.
މީގެ އިތުރުން، ރަޖިސްޓްރީކޮށްފައިވާ ތަންތަން ނޫން ތަންތަނުގައި ޖަނަވާރު ގެންގުޅޭނަމަ ބިލު ގާނޫނަކަށްވުމުން ބޮޑެތި ޖޫރިމަނާތަކެއް ކުރެވޭނެ އެވެ. މިގޮތުން، 10،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ބިލުގައި އިތުރަށް ބަޔާންކޮށްފައިވަނީ، ގަވާއިދާ ޚިލާފަށް އަމަލުކުރާ ފަރާތްތަކުން ކުރާ އަމަލެއްގައި ޖިނާއީ ކުށެއް އެކުލެވިގެންވާނަމަ، އެ މައްސަލަތައް ތަޙްޤީޤުކުރުމުގެ އިޚްތިޞާޞް ލިބިފައިވާ ކަމާބެހޭ އިދާރާތަކަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. މި ބިލު ފާސްވުމާއެކު، ޖަނަވާރު ގެންގުޅުމުގެ ކަންކަން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެ އެވެ.
ހިންނަވަރު ދާއިރާގެ މެންބަރު މުހައްމަދު އަބްދުއްރަހްމާން ރައްޔިތުންގެ މަޖިލިސް
