ގޮނޑި ގެއްލުމުގެ ކުރިން ރައްޔިތުންގެ ވޯޓެއް ނެގުމުގެ އިސްލާހަށް ޕީއެންސީ ތެރޭގައި ހިޔާލު ތަފާތުވެއްޖެ

Advertisement

އެންމެ ފަސް

Advertisement

ޕާޓީ ބަދަލު ކުރުމުން ނުވަތަ ނުވަތަ ނިސްބަތްވާ ޕާޓީ ވަކިވުމުން ނުވަތަ ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ހުށަހެޅި ބިލަށް ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުން ހިޔާލު ތަފާތުވެއްޖެ އެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ މި ބިލުގެ ބަހުސް ކުރިއަށް ގެންގޮސްފަ އެވެ. ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީ އިސްލާހު ކުރަން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީ ޕީޖީގެ ނައިބު ލީޑަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ.

މި އިސްލާހުގައި ވަނީ މިފަހުން މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ޤާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ދަށަށް އިތުރު އިޖުރާއަތެއް ހިމެނުމަށް ހުށަހަޅާފަ އެވެ.

ޝުޖާއުގެ އިސްލާހުގައި ބުނެފައިވަނީ، މަޖިލީހުގެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީގެ މެންބަރުކަމުން ޤާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން އެ މެންބަރަކު ވަކިކުރާ ހާލަތުގައި، އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނީ، އެ މީހަކު އިންތިހާބުވި ދާއިރާގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ އާންމު ވޯޓެއްގައި، އެ މީހަކު މަޖިލީހުގެ މެންބަރުކަމުން ވަކިކުރުމަށް ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ލިބިއްޖެނަމަ ކަމަށެވެ.

މި ބިލުގެ ބަހުސް މަރުހަލާގައި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވަނީ ބިލާ ދެކޮޅަށް ވާހަކަ ދައްކަވަފާ އެވެ. އެގޮތުން ޕާޓީއެއްގެ މެންބަރަކު އެ ޕާޓީއަކުން ވަކިވުމުން ހުންނަންވާނީ މެންބަރުކަމުގެ ގޮނޑި ގެއްލިފައި ކަމަށާއި އެ ގޮނޑި ގެއްލުމާ މެދު ގޮތެެއް އަހަން އަލުން ދާއިރާގެ ރައްޔިތުންގެ ގާތަށް ދާން ޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ފަލާހު ވިދާޅުވި އެވެ.

މެންބަރު ފަލާހު އިތުރަށް ވިދާޅުވީ، މެންބަރުކަމަށް ކުރިމަތިލިއިރު ޕީއެންސީއަށް ދިން ޔަގީންކަން މަތީ ސިޔާސީ ދާއިރާ ނިންމާލާނެ ކަމުގެ ޔަގީންކަން އަމިއްލަ ނަފުސަށް އެބައޮތް ކަމަށެވެ.

މީގެ އިތުރުން ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީވެސް ވަނީ މި ބިލާ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ. މެންބަރު ދީދީ ވިދާޅުވީ މިއީ ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލެއް ނަމަވެސް މި ބިލަށް ތާއީދު ނުކުރާ ކަމަށެވެ. މެންބަރު ވިދާޅުވީ ތާއީދު ކުރަނީ މިހާރު އޮތްގޮތަށް ބާއްވަން ކަމަށާއި ގޮނޑި ގެއްލޭނީ ގެއްލެން ޖެހިގެން ކަމަށެވެ.

ހުލާސާކޮށް ޝުޖާއު ހުށަހެޅުއްވި އިސްލާހް:

  • މެންބަރުކަން ގެއްލުމުގެ ކުރިން ވޯޓު ނެގުން:

    • މެންބަރަކު ތަމްސީލު ކުރާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ، އެ މެންބަރުކަން ގެއްލުމުގެ ކުރިން އެ ދާއިރާގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެ.

    • މެންބަރުކަމުން ވަކިކުރަން އަޣުލަބިއްޔަތު ލިބިއްޖެ ނަމަ މެންބަރުކަން ގެއްލޭނެ.

  • އާންމު ވޯޓުން ވަކި ނުކުރެވުން:

    • އެ އާންމު ވޯޓުގައި މެންބަރުކަމުން ވަކިކުރަން ވޯޓުލާ މީހުންގެ އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ، އެ މެންބަރަކު މަޖިލީހުގައި ދެމިހުންނާނީ މިނިވަން މެންބަރެއް (އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ) ގޮތުގައި.

  • މިނިވަން މެންބަރުކަމަށްފަހު ޕާޓީއަކަށް ވަނުން:

    • މަޖިލީހުގެ އެ އުމުރުގެ ތެރޭގައި މިނިވަން މެންބަރެއްގެ ގޮތުގައި ހުއްޓާ ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ، އެ މީހަކު މެންބަރުކަމުން ވަކިވާނެ ކަމަށް ކަނޑައެޅުން.

ޤާނޫނުއަސާސީއަށް ގެނައި ހަވަނަ އިސްލާހުގައި ވަނީ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވާނެ ހާލަތްތައް ބަޔާންކޮށްފަ އެވެ.

އެގޮތުން ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން ވާދަކޮށްގެން މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ދައުރުގެ ތެރޭގަައި އެ މެންބަރަކު ތަމްސީލުކުރާ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ޤާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ވަކިކުރުން ނުވަތަ އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، އެމީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ. އަދި އަމިއްލަ ގޮތުން ވާދަކޮށް މެންބަރުކަމަށް އިންތިހާބުވުމަށްފަހު އެ މެންބަރަކު މަޖިލީހަށް އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ މެންބަރުކަމުން ވަކިވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ބ) ގައި މި ހާލަތްތައް ބަޔާންކުރާއިރު، ޝުޖާއު ހުށަހެޅުއްވި އިސްލާހުގައިވަނީ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ދެ އަކުރު އިތުރުކުރުމަށް ހުށަހަޅާފަ އެވެ.

ރައްޔިތުންގެ މަޖިލިސް ކޮންގްރެސް ޕާޓީ އިބްރާހިމް ޝުޖާއު ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (ޑީޑީ) ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ