އަންހެނަކަށް ވީތީ އިދިކޮޅު ފަރާތްތަކުން ބޮލުގައި ނާޅުވާ އެއްވެސް ކަމެއް ނެތް ކަމަށާއި، އެ ފަރާތްތަކުގެ އެންމެ ބޮޑު އަމާޒަކީ ރައީސްގެ ޓީމު ބަލިކަށި ކޮށްލުން ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ސީއީއޯ އަދި ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އިން ކުރިއަށް ގެންދިޔަ ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން ހީނާ ވިދާޅުވީ، އަންހެނުންގެ ސިއްހަތާއި ގުޅުން ހުރި ކަންކަމާއި އަންހެނުން ބާރުވެރިކުރުމަށް އެތައް ކަމެއް ހިންގަމުންދާއިރު ވާދަވެރި ފަރާތްތަކުގެ އެންމެ ބޮޑު މަޤްސަދަކީ ރައީސްގެ ފަހަތްޕުޅުގައި މަސައްކަތްކުރަން ތިބި ޓީމު ބަލިކަށި ކޮށްލުން ކަމަށެވެ. އެގޮތުން ޚާއްސަކޮށް އަންހެނުންނަށް ޓާގެޓުކޮށްގެން ނަފްސާނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ބަލިކޮށްލުމަށް މަސައްކަތްކުރާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
”ހާއްސަކޮށް އަންހެނުންނަށް ޓާގެޓުކޮށްގެން ނަފްސާނީ ގޮތުންނާ އެހެނިހެން ގޮތްގޮތުން ބަލިކޮށްލުން. އަޅުގަނޑަށް ޓާގެޓްކޮށް، ހަގީގަތާއި ހިލާފު އެތަށް ވާހަކަތަކެއް ފަތުރަނީވެސް ހަމަ އެގޮތުގެ މަތިން،“ ހީނާ ވިދާޅުވި އެވެ.
އެގޮތުން އޭނާ އާ އަމާޒުކޮށްގެން ދެކެވުނު އެންސްޕާ ހިންގުމަށް އޮފީހެއް ހޯދުމަށް ކުރެވުނު ބިޑަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ދޮގު ވާހަކަތަކެއް ދައްކައި ހަޖޫކިޔާފައިވާ ކަން ހީނާ ފާހަގަކުރެއްވި އެވެ. އަންހެނަކަށް ވީތީ އިދިކޮޅު ފަރާތްތަކުން ނުހައްގުން އިލްޒާމު އެޅުވީ ކަމަށް ތުހުމަތު ކުރައްވައި ހީނާ ވިދާޅުވީ، އޭނާ އަށާއި އޭނާގެ އާއިލާއަށް ވެސް ނުކުރާ ފުރައްސާރައެއް ނެތް ކަމަށެވެ. ނަމަވެސް، ނަފްސާނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ބަލިކަށި ކޮށްލައި ބަދުނާމުކޮށްލުމަށް ކިތަންމެ ދޮގު ވާހަކަތަކެއް ދެއްކި ނަމަވެސް، އޭނާ ކުރައްވާ މަސައްކަތަކަށް އަދި އަޒުމަކަށް ކުޑަވެސް ފަސްޖެހުމެއް ނާންނާނެ ކަމަށް ހީނާ ވިދާޅުވި އެވެ.
ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ޕީއެންސީ އިން ކުރިއަށް ގެންދިޔަ މި ޖަލްސާއަކީ އެ ޕާޓީ އިން ބޭއްވި އެންމެ ބޮޑު އެއް ޖަލްސާއެވެ. މި ޖަލްސާގައި 13،000 މީހުން ބައިވެރިވި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ.
